ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންނެވުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް އެރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވައިފި އެވެ.
ރައީސް ސޯލިހުއާއި އެމްޑީޕީގެ އިސްވެރިން ކުޅުދުއްފުށްޓަށް ވަޑައިގެންނެވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާއި، މަޖިލިސް އިންތިހާބާއި، ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ނަގާ ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން ކެމްޕޭނު ކުރެއްވުމަށްޓަކަ އެވެ.
ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ކުދިބޮޑު ރައްޔިތުން ދިޔަ އެވެ. އެމަނިކުފާނުގެ އަރިހުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، ހަނިމާދޫ ދާއިރާގެ މެންބަރު އަދި ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެފައިވެ އެވެ.
ރައީސް ސޯލިހު ކުޅުދުއްފުއްޓަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހުގެ ރޭ އެ ސިޓީގައި އެމްޑީޕީ އިން ބާއްވާ "ކުޅުދުއްފުށި ތިލަފަތަށް" ޖަލްސާގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޝަހީދު ކޯޕަރަލް ހުސައިން އާދަމް ބިނާ ސަރަހައްދުގައި ހޯމަ ދުވަހުގެ ރޭ 8:45 ގަ އެވެ.