ރަށްރަށުގެ މޫދަށާއި ގޮނޑުދޮށަށް ކުނިއަޅާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމަށް ގަވާއިދެއް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ބައެއް ފަރާތްތަކުން މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާ ކަމަށާއި އެފަދަ ކަންކަމަކީ ވަރަށް ހަރުކަށިކޮށް ބަލަހައްޓަން ޖެހޭ ކަންކަން ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ މިފަދަ ކަންކަން ހައްލު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެގޮތުން އެކަން ހައްލު ކުރުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ކުނި މެނޭޖް ކުރާ ގާނޫނެއް އޮތް ނަމަވެސް މިކަން ކުރުވުމަށްޓަކަައި  މިފަދަ އަމަލުތައް ކުރާ މީހުން ޖޫރިމަނާ ކުރުމަށް ގަވާއިދެއް ހަދަން ޖެހޭ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ގަވާދު އެކުލަވާލާނެ ކަމަށެވެ. 

ރައްކާތެރިގޮތުގައި ކުނި މެނޭޖު ނުކޮށް، ވެށި ހަލާކުވެދާނެކަންތައް ކުރާ ފަރާތް ހާއްސަކޮށް ކުނި އަޅާ ފަރާތްތައް، މޫދަށް ކުނިއަޅައިފި ނަމަ އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި އެ ފަރާތްތައް ޖޫރިމަނާ ކުރާނަން،
 ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް

މިނިސްޓަރު ވިދާޅުވީ މިފަދަ ގަވާއިދެއް އެކުލަވާލަނީ ކޮންމެހެން ވަކި ބަޔަކަށް އަދަބެއް ދިނުމަށް ނޫން ކަމަށެވެ. ނަމަވެސް މިއީ އޭގެ ސަބަބުން މީހުން ހޭލުންތެރި ކުރުވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ގުދުރަތީ ވަސީލަތްތައް ރަނގަޅު ގޮތުގައި ބަލަހައްޓަން ޖެހޭ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެއީ އެ ކަންކަމަކީ ސީދާ ރާއްޖޭގެ އިގްތިސޯދާ ގުޅިފައިވާ ކަންކަމަށް ވާތީ ކަމަށެވެ. އެހެންކަމުން ވެށި ހަލާކުވުމުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސޯދަށް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.