2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި
އައިޑީއެއް ހަދަން ބޭނުންކުރާ ތަކެތި ތައްޔާރުކުރުމުގެ މައްސަލައާ ގުޅިގެން
އިއުތިސާމް މުޙައްމަދު ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ބާތިލު ކުރެވެން
ނެތްކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުންވެސް
ދަމަހައްޓައިފިއެވެ.

އިއުތިސާމްގެ ފަރާތުން ހުށަހެޅި މި މައްސަލައިގައި
ބުނެފައިވަނީ، މައްސަލައިގެ ދައުވާ އުފުލުމުގައި ދައުލަތުން އަމަލުކޮށްފައިވާ
ގޮތުގެ ސަބަބުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 51 ވަނަ މާއްދާއިން
ލިބިދީފައިވާ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެމީހެއްގެ މައްޗަށް
ޝަރީއަތްކޮށް ނިންމުމުގެ ޙައްޤަށް ހުރަސް އެޅިފައިވާ ކަމަށާއި، ދައުވާ
ބާތިލުކޮށްދޭން އެދޭ ކަމަށެވެ.

އެހެންނަމަވެސް ދަށު ކޯޓާއި ހައިކޯޓުންވެސް
ނިންމާފައި އޮތީ އެ ސަބަބުގެ މައްޗަށް ދައުވާ ބާތިލު ކޮށްދެވެން ނެތް ކަމަށެވެ.
އަދި އެ ނިންމުމަށް ހޯމަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް މިވަނީ ތާއީދުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ، މައްސަލަ
ލަސްވުމުގެ އެކި ސަބަބުތައް ހިމެނޭ ކަމަށާއި، އޭގެ ތެރޭގައި މައްސަލައިގައި ގިނަ އަޑުއެހުންތަކެއް
ތާވަލު ކުރެވުނުނަމަވެސް ދިފާއުން އެދިގެންވެސް މައްސަލައިގެ އަޑުއެހުންތައް
ކެންސަލްކުރަން ޖެހިފައިވުމާއި، ގާޒީ ބަދަލުވުން ފަދަ އެކިއެކި ސަބަބުތައް
ހިމެނޭކަމަށެވެ. އަދި މައްސަލަ ލަސްވެފައިވަނީ ހަމައެކަނި ދައުލަތުގެ ސަބަބަކުން
ނޫންކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ޖުމުލަ 4 މީހެއްގެ މައްޗަށް
ދައުލަތުން ދައުވާ ހުށަހެޅިއެވެ. އަދި އެ އެންމެންގެ ދައުވާވެސް ކްރިމިނަލް
ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. އެގޮތުން އެ އެންމެންގެ މައްޗަށްވެސް
އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އުޅުމުގެ ކުށުގެ ދައުވާއެވެ.

އެހެންނަމަވެސް އޭގެ ތެރެއިން މި މައްސަލައިގެ
ދައުވާގައި މިހާރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ހަމައެކަނި
އިއުތިސާމްއެވެ.
މިހާރު އިއުތިސާމް ބަންދުގައި ހުންނަތާ 5 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ،

މި މައްސަލައިގެ ދައުވާ ބާތިލުކުރެވެން ނެތްކަމަށް
ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކުރިނަމަވެސް، ސުޕްރީމް
ކޯޓުގެ ފަނޑިޔާރުންވެސް ވަނީ މައްސަލަ ލަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅު
ކުރައްވާފައެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު ވިދާޅުވީ، 5
އަހަރަށްވުރެ ގިނަ ދުވަހު ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ހުންނަން
ޖެހުމަކީ އެކަށީގެންވާ މިންވަރަށްވުރެ ދިގު މުއްދަތެއް ކަމަށާއި، ކުށް ސާބިތުނުވާ
ޙާލަތުގައި އެހާ ގިނަ ދުވަހު ބަންދުގައި ހުންނަން ޖެހޭ ޖެހުން އިންސާފުވެރިއެއް
ނުވާނެ ކަމަށެވެ.

އެހެންނަމަވެސް، އެކި ސަބަބުތަކާހުރެ މައްސަލަ ލަސްވާ
ޙާލަތްތަކުގައި އެކަމުގައި ދެވޭ ޤާނޫނީ ފަރުވާއެއްގެ ގޮތުގައި މައްސަލަ އިތުރަށް
ކުރިއަށް ނުގެންދިއުން ނުވަތަ ދައުވާ ބާތިލު ކުރުމަކީވެސް ދިމިޤްރާތީ
ޤައުމުތަކުގައި އަމަލުކުރާ އުސޫލުތަކަށް ބަލާއިރު އެންމެ ރަނގަޅު ހަމައެއްކަމަށް ނުބެލެވޭކަމަށް
ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެފަދައިން އަމަލު ކުރަންޖެހޭނެކަން އެނގޭ ޤާނޫނީ
އުސޫލެއް މި މައްސަލައިގައި ހުށަހެޅިފައި ނެތްކަންވެސް ފަނޑިޔާރު ފާހަގަ
ކުރެއްވިއެވެ.

އެހެންކަމުން ދައުވާ ބާތިލު ކުރަންޖެހޭ ތަނެއް
ނެތްކަމަށް ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު
އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު އަބްދުﷲ
ހަމީދުއެވެ.