މިސަރުކާރުން ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، ރައްޔިތުން އެފުރުސަތު ދީގެން ނުވާނެ ކަމަށް އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހީދު ވިދާޅުވީ، އިންތިޚާބާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އެކަން އިލެކްޝަން ކޮމިޝަންއާ ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މައްސަލައަކަށް ހައްލު ހޯދައިދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ވަހީދު ވިދާޅުވީ މިސަރުކާރުން ރިފެރެންޑަމް ވޯޓު ވަރަށް ބޮޑަށް އޮޅުވާލައި ވޯޓުން ވައްކަން ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އެކަމަށް ރައްޔިތުން ފާރަވެރިވާން ޖެހޭ ކަމަށާއި، އެ ފުރުސަތު އެއްވެސް ވަރަކަށް ރައްޔިތުން ދީގެންނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު 3 އިންތިޚާބެއް ކުރިއަށްދާއިރު، އެންމެފަހުން ގުނާ ވޯޓަކީ ރިފެރެންޑަމް ވޯޓު ކަމަށެވެ.

މީގެ އިތުރުން ވަހީދު ވިދާޅުވީ ރިފެރެންޑަމް ސަރުކާރަށް ކާމިޔާބު ވެއްޖެނަމަ ހުދުމުހުތާރު ވެރިކަމެއް ގާއިމް ކުރާނެ ކަމަށާއި، ގައުމު އަނބުރާ ހޯދުމަށް ރިފެރެންޑަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

އަޅުގަނޑުމެން އިލެކްޝަންގައި އެދުނިން ރިފެރެންޑަމް ވޯޓުގެ ނަތީޖާ ގުނުމުގެ މަސައްކަތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރީން ގެންގޮސް ދިނުމަށް. އެހެންނަމަވެސް އެބޭފުޅުން އަޅުގަނޑުމެން އެދުނު އެދުމަށް އިޖާބައެއް ނުދެއްވާ. އެހެންވީމަ އަޅުގަނޑު ދަންނަވަން އޮތީ އަޅުގަނޑުމެންގެ ހުރިހާ އޮބްޒާވަރުންނާ މޮނީޓަރުންގެ އަރިހުން އެ ރޭ ވޯޓު ގުނަމުންދާއިރު ވޯޓުގެ ކަންކަން ނިމެންދެން ތިބޭފުޅުން ވޯޓު ފޮށިތައް ކައިރީގައި ތިއްބަވާށޭ. މި ވޯޓުން ވައްކަން ކުރުމަށްޓަކައި އެކުރާ މަސައްކަތަށް ޖާގަ ނުދެއްވާ އެގޮތަށް އަޅުގަނޑުމެން ހުރިހާ ބޭފުޅުން ވެސް އަމަލުތައް ބަހައްޓަވައިގެން ކުރިއަށް ގެންދިއުމަށް އެދެން.
އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު

މިއީ އަމަލާއި ބަސް ދިމާނުވާ ސަރުކާރެއްކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ އެއްވެސް އިންތިޚާބަކާ ދިމާކޮށް އަތޮޅުތެރޭގެ ރަށްރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިނުގަންވާނެ ކަމަށް ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ޝެޑިއުލްއާ އެއްގޮތަށް މުޅި ސަރުކާރުގެ ބޭފުޅުން ރަށްރަށުގައި ހަރަކާތްތެރިވާ ކަމަށާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ކެންޕޭން ދަތުރުފުޅުގައި އުޅުއްވާ ކަމަށެވެ. 

މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައާ ގުޅިގެން މުޅި ދުނިޔެ ކަންބޮޑުވެފައި އޮތް ނަމަވެސް ދިވެހި ސަރުކާރުން އެކަމަށް ފަރުވާލެއް ނުބަހައްޓާ ކަމަށާއި، ކެންޕޭންގައި ހޭބޯނާރާ އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ސިޔާސީ ގޮތުން ވަޒީފާތައް ބަހައި ބަޖެޓް ހުސްކުރަމުންދާ ކަމަށެވެ.

ނަމަވެސް އިންތިޚާބު ނިމުމާއެކު ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާ ގޮތަށް ކުއްލިއަކަށް ފިޔަވަޅުތައް އަޅާނެ ކަމަށާއި، އެކަމަށް ރައްޔިތުން ތައްޔާރުވާން ޖެހޭ ކަމަށް ވަހީދު ވިދާޅުވި އެވެ.