އޭޕްރީލް 4 ގައި ނަގާ ރެފަރެންޑަމް ވޯޓުގެ ހަގީގީ
ސުވާލަކީ ޑިމޮކްރަސީގައި ފަހަތަށް ދާން ރައްޔިތުން ބޭނުންވޭތޯ ނުވަތަ ނޫންތޯ ކަމަށާއި،
އެހެންކަމުން އެ ސުވާލުގެ ޖަވާބުގައި ނޫނެކޭ ބުނަންޖެހޭކަމަށް ކުރީގެ ޓޫރިޒަމް
މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުން މައުސޫމް ވިދާޅުވީ، ރެފަރެންޑަމް ވޯޓަކީ ރައްޔިތުންނަށް އެއްވެސް ހެޔޮކަމެއް
ނުކޮށްދޭ ސަރުކާރަކުން ނަގާ ވޯޓެއް ކަމަށާއި، އެ ވޯޓުގައި ރައްޔިތުންނަށް ހެވެއް
ނާންނާނެ ކަމަށެވެ.

ވަކިން ޚާއްސަކޮށް ސަރުކާރުން މި ވޯޓު ނަގަނީވެސް
އެހެން ވޯޓެއްގެ ތެރެއިން ކަމަށާއި، އެކަމުން ރައްޔިތުންނަށް ވާނެ ފައިދާއެއް
ނެތްކަމަށް މައުސޫމް ވިދާޅުވިއެވެ.  

މައުސޫމް ވިދާޅުވީ، ކެމްޕޭނެއް ކުރާނަމަ
ރައްޔިތުންނަށް މެސެޖުތަކެއް ދޭން ޖެހޭ ކަމަށާއި، މެނިފެސްޓޯއެއްވެސް ދައްކަންޖެހޭ
ކަމަށެވެ. އެގޮތުން ބަލާއިރު، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަކީ އޭގެ
ޒާތުގައި ދެ ބާވަތެއްގެ އިންތިޚާބުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިއީ ރައްޔިތުންނަށް ހެޔޮ އެއްވެސް ކަމެއް ނުކޮށްދޭ ސަރުކާރަކުން ނަގާ ވޯޓެއް، އެހެންވީމަ އެ ވޯޓުގައި ހެވެއް ނާންނާނެ، ވަކިން ޚާއްޞަކޮށް އެހެން ވޯޓެއްގެ ތެރެއަށް ލައިގެން، އެއީވެސް އޮޅުވާލުމެއް، އެގޮތަށް ކުރާ ކަމެއްގައި ހެވެއް ނާންނާނެ
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

މައުސޫމް ވިދާޅުވި ގޮތުގައި ދެ އިންތިޚާބު އެއްކޮށްލައިގެން ކަންކަން މަސްހުނިކޮށްލުމަކީ މި ސަރުކާރުގެ ބޭނުމެވެ. އަދި ވިދާޅުވީ،
މި ވޯޓުގެ ހަގީގީ ސުވާލަކީ ޑިމޮކްރަސީގައި ފަހަތަށް ދާން ރައްޔިތުން ބޭނުންވޭތޯ
ނުވަތަ ނޫންތޯ ކަމަށެވެ.

އެހެންކަމުން އެ ސުވާލުގެ ޖަވާބުގައި ނޫނެކޭ
ބުނަންޖެހޭކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ހަގީގަތުގައި
ފައިދާވާނީ ގިނަގިނައިން އިންތިޚާބު ބާއްވައިގެން ކަމަށެވެ. އެގޮތުން
ރަށްރަށަށް ވެސް ކުރިއެރުން އަންނާނެ ގޮތަކީ އެއީކަން މައުސޫމް ފާހަގަ
ކުރެއްވިއެވެ.

މައުސޫމް ވަނީ ރެފަރެންޑަމް ވޯޓު ނެގުމަށް ރައީސް
ނެރުއްވާފައިވާ ޤަރާރުގައި ހިމަނުއްވާފައިވާ ކަންކަމަށްވެސް ފާޑުވިދާޅުވެފައެވެ.
އެގޮތުން އޭގައި ދެކޮޅު ނުޖެހޭ ވަރަށް ގިނަ ކަންކަން ހިމެނިފައިވާކަމަށް އޭނާ
ވިދާޅުވިއެވެ.