އަންނަ މަހުން ފެށިގެން ވަކި ހާލަތްތަކެއްގައި އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ އާސަންދައިގެ ދަށުން އެމްބިއުލާންސް ގެ ޚިދުމަތް ނުލިބުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން މުހިއްމު ނިންމެވުންތަކެއް ނިންމަވާފައިވާ ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ އާސަންދަ މެދުވެރިކޮށް އެމްބިއުލާންސްގެ ހިދުމަތް ލިބޭނީ ބައެއް ހާލަތްތަކުގައި ކަމަށެވެ. އޭގެ ތެރޭގައި އިމަޖަންސީގައި ކުއްލި ހާލަތުގައި ހޮސްޕިޓަލަށް މީހުން ގެންދިއުމާއި، މައްޔިތުން އުފުލުމާއި،  އެނދުމަތިކޮށްފައިވާ މީހުންނަށް އައުޓްޕޭޝަންޓުގެ ޚިދުމަތް ދިނުމަށް ގެންދާ ހާލަތްތަކުގައި އާސަންދައިގެ ދަށުން އެމްބިއުލާންސް ގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދިއުމުގެ އިތުރުން އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ނުވަތަ ޓެސްޓުތައް ހަދަން ގެންދިއުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން އައުޓްޕޭޝަންޓު ހިދުމަތް ހޯދުމަށް ހޮސްޕިޓަލަށް ގެންދިއުމާއި، އިވެކުއޭޓް ކުރެވޭ ހާލަތުގައި ނުވަތަ ބަލި މީހާ ރާއްޖެއިން ބޭރަށް ރިފާކުރެވޭ ހާލަތުގައި އެއާޕޯޓަށް ނޫނީ ޖެޓީއަށް ގެންދިއުމާއި، ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތަށް ގެންދެވޭ ހާލަތުގައި ވެސް އާސަންދައިގެ ދަށުން އެމްބިއުލާންސް ގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ހުރިހާ ހާލަތްތަކަކަށް އެމްބިއުލާންސް އާސަންދަ އިން މިހާރު ހަމަ ޖެހޭނެ އޭޕްރީލް 1 އިން ފެށިގެން. މިއީ ވަރަށް ގިނަ ދުވަހު އަޅުގަނޑުމެން މަޝްވަރާކޮށް، އެކަމާ ގުޅޭގޮތުން ޓެކްނިކަލް ލެވެލްގަ އޭގެ ހިސާބުތައް ފައިނޭންޝިއަލީ  ބަޖެޓަރީ އިމްޕްލިކޭޝަންތައް، އޮޕަރޭޝަނަލް އޭންގަލް އިން ބަލަންޖެހޭ ކަންތައް ވެސް ބެލުމަށް ފަހު ނިންމި ނިންމުމެއް. ވަރަށް ގިނައިން އަންނަ ރިކުއެސްޓެއް ރައްޔިތުންގެ ފަރާތުން މިކަމަކީ،
ރައީސް ޑރ. މުހައްމަދު މުއިއްޒު 

 ރައީސް ވިދާޅުވީ މިކަން ހަމަޖެހިފައި ނެތުމާއެކު ރައްޔިތުންނަށް އެކަމުގެ ދަތިތައް ވަރަށް ބޮޑަށް ކުރިމަތިވާތީ އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކުރާ ކަމަށެވެ. އަދި މިކަމަށް ލުއި ބޭނުންވާތީ ގިނަ ބަޔަކު މިކަމަށް އެދެމުން ދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.