ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ރާއްޖެއެމްވީއަށް އިސްލާމިކް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 15 މާޗް 2025 ގައި 14 މިސްކިތެއް އިމާރާތް ކުރުމަށް ފެނަކަ ކޯޕްރޭޝަން ލިމިޓެޑްއާ ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެ އެވެ.

އެއީ، ލ. މާބައިދޫ ގުރުއާން ސެންޓަރު، ޅ. އޮޅުވެލިފުށި ގުރުއާން ސެންޓަރު، ށ. ފޯކައިދޫ މިސްކިތް، ށ. ނޫމަރާ މިސްކިތް، ތ. ވޭމަންޑޫ މިސްކިތް، ބ. ކުޑަރިކިލު މިސްކިތް، ނ. ހެނބަދޫ މިސްކިތް، ހދ. ނެއްލައިދޫ މިސްކިތް، ތ. ހިރިލަންދޫ މިސްކިތް، ރ. އިނގުރައިދޫ މިސްކިތް، ސ. ފޭދޫ މިސްކިތުގެ މަޝްރޫއު އެވެ.
ށ. ފޯކައިދޫ މިސްކިތް 900 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރިއިރު، ށ.ނޫމަރާ އަދި ތ.ވޭމަންޑޫގެ މިސްކިތުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އަދި ބާކީ ހުރި މިސްކިތްތައް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މީގެ އިތުރުން ހއ. ބާރަށު މިސްކިތް، ބ.މާޅޮސް މިސްކިތް އަދި އއ.ފެރިދޫގެ މިސްކިތުގެ މަޝްރޫއު 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ. އަދި އާރްޑީސީއާ އއ.މާޅޮސް މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވާއިރު، ގއ.ގެމަނަފުށީގައި އިމާރާތް ކޮށްފައިވާ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ކުރުމަށް ވެސް ހަވާލުކޮށްފައިވެ އެވެ.

15 ރަށެއްގައި މިސްކިތްތައް އިމާރާތް ކުރުމަށް މިދިޔަ އަހަރު ވަނީ ހަވާލުކޮށްފައި
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ، މިމަޝްރޫއުތައް ހަވާލުކުރި ފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު އެކަށީގެންވާ ގޮޮތުގައި އަމަލީ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. އަދި މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، ބިން ސާފު ކުރުމާއި، ފައުންޑޭޝަން އެޅުން ފިޔަވައި އިތުރު މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުގައި އިމާރާތް ކުރުމަށް ހަވާލުކުރި 15 މިސްކިތުގެ އަމަލީ މަސައްކަތްތައް ކުރިއަށް ނުދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު، ބައެއް ރަށްރަށުގައި މިސްކިތްތައް ތަޅާލުމަށްފަހު އަމަލީ މަސައްކަތް ކުރިއަށް ނުގެންދާތީ އެރަށްރަށުގެ ރައްޔިތުން މީގެ ކުރިން ކަންބޮޑުވުން ވެސް ފާޅު ކޮށްފައިވެ އެވެ. ނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މިސްކިތްތައް އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ރަށްރަށަށް ގެންދާ ކަމަށް މައުލޫމާތު ލިބެ އެވެ.