ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކުރަން ދެކޮޅުކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހާމަކުރައްވައިފި އެވެ. 

ގައުމީ ކަންކަމުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ އިންތިހާބު އެއްކުރަން ނޫނެކޭ ބުނާށެވެ. އުމަރު ވިދާޅުވީ ތިން އިންތިހާބެއް ބޭއްވުމުގައި ބަދަލުގައި 2 އިންތިހާބެއް އޮންނަ ގޮތަށް ބަދަލު ކުރުމަކީ އޭނާ ވެސް ތާއީދު ކުރާ ކަމަށެވެ. ނަމަވެސް އެއްކޮށްލަންވާނީ އެންމެ މުހިންމު 2 އިންތިހާބެއް ނޫން ކަމަށެވެ. 

އުމަރު ވިދާޅުވީ އެއްކޮށްލަންވާނީ އެންމެ ކުޑަ 2 އިންތިހާބެވެ. 

އުމަރު ވިދާޅުވީ އޭނާއަށް ފެންނަ ގޮތުގައި އެއްކޮށްލަންވާނީ މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބެވެ. 

އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބަކީ މުޅި ގައުމުގެ ކުރިމަގު ކަނޑައެޅުމާ ގުޅޭ އެންމެ ބޮޑު އިންތިހާބެވެ. އަނެއް 2 އިންތިހާބަކީ ވަކިވަކި ދާއިރާތަކާ ގުޅުންހުރި އިންތިހާބުތަކެވެ. 

އުމަރު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ބަހަނާގައި، އެންމެ ބޮޑު 2 އިންތިހާބު އެއްކުރުމަށް ފަހު، އެންމެ ކުޑަ އިންތިހާބު ބޮޑު ހަރަދު ކޮށްގެން ވަކިން ބޭއްވުމަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ. އަދި އެންމެ ބޮޑު 2 އިންތިހާބު އެއްކޮށްލުމަށް ނޫނެކޭ ބުނުމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. 

އިންތިހާބުތައް އެއްކޮށް ބޭއްވުމާ ގުޅޭގޮތުން އުމަރު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، އިންތިހާބުތައް އެއްކޮށްލުމާ މެދު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނުވަތަ ރިފަރެންޑަމެއް ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. މި ރިފަރެންޑަމް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.

މި ވޯޓުގައި ރައްޔިތުންނާ ސުވާލުކުރުމަށް ހަމަޖެހިފައި ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުން ދެކޭ ގޮތަކާ ބެހޭގޮތުންނެވެ. ސަރުކާރުން ބުނަމުންދަނީ އިންތިހާބުތައް އެއްކޮށްލުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ބަޖެޓުން އިންތިހާބުތަކަށް ކުރާ ބޮޑު ހަރަދު ކުޑަކުރުން ކަމަށެވެ. ނަމަވެސް މިއީ އިންތިހާބީ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކޮށް ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށް ރައްޔިތުން އަޅުވެތި ކުރުމަށް ކުރަމުންދާ ކަމެކެވެ.