ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް އެންގި އެންގުމުގެ ދަށުން މައްސަލަ ބެލުމުންވެސް އޭނާއަށް ކުށް ސާބިތުވެއްޖެ އެވެ. 

ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމް ބާތިލުކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެންގީ މުހައްމަދު ސަމާހުގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރުމުންނެވެ. ސުޕްރީމް ކޯޓުން މި މައްސަލަ އަލުން ބަލަން އަންގާފައިވަނީ 23 ސެޕްޓެމްބަރު 2024 ގަ އެވެ.

މި މައްސަލައަކީ 23 ޖުލައި 2012 ވަނަ ދުވަހު ހިނގާދިޔަ ޙާދިސާއަކާ ގުޅޭ މައްސަލައެކެވެ.

ސުޕްރީމް ކޯޓުގެ އެންގުމާ އެއްގޮތަށް މި މައްސަލަ ކްރިމިނަލް ކޯޓުގައި ތާވަލުކޮށް އަޑުއެހުންތައް ކުރިއަށް ގެންގޮސް، އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ވަނީ އޭނާ ގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފަ އެވެ.  އޭނާގެ މައްޗަށް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. 

މި ޙާދިސާގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސަމާހު ގޭބަންދު ކޮށްފައި ހުއްޓައި މަގު މައްޗަށް ނުކުމެ އުޅުމުގެ ތެރޭގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމްއަށް އޭނާ ފެނުމުން، އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އެ ފުލުސް އޮފިސަރު ވަނީ މަސައްކަތް ކޮށްފަ އެވެ.

އަދި އެކަމާ ގުޅިގެން އެ އޮފިސަރަށް ތޫނު އެއްޗަކުން ޙަމަލާދީ މަރާލީ އެވެ. 

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަހު ފުލުހުން ފާހަގަކުރާ ޕޮލިސް މެމޯރިއަލް ޑޭ އަކީ ސާޖަންޓު އާދަމް ހަލީމް މަރާލުމާއި ގުޅިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.