ގަލޮޅު މޯޗަރީ ކައިރި ހުރި ގ. ހިޔާރޯދިގޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހައްޔަރު ކުރި ޒުވާނާގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ. 

މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ލ.މާބައިދޫ/ ސަބުނަމްހައުސް ޙުސައިން ޝަޙްބާން (29އ) ވަނީ ކޯޓު އަމުރެއްގެ ދަށުން 2026 މާރިޗު 22 ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފަ އެވެ.

އޭރު އޭނާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފަ އެވެ.

އެ މުއްދަތު ހަމަވުމާއެކު ހޮނިހިރު ދުވަހު އަލުން ކޯޓަށް ހާޒިރު ކުރުމުން ބަންދު މުއްދަތު ވަނީ 30 ދުވަހަށް އިތުރުކޮށްފަ އެވެ. އޭނާ ގެ ބަންދުގެ ރިޕޯޓުގައި ވަނީ، އެ މީހާ އެ ގެއަށް ވަދެ ނުކުމެގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި އޭގެ ޓައިމްލައިން ލިބިފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ބުނެފަ އެވެ. 

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހުސައިން ޝަހްބާން ހަރަކާތްތެރިވެފައިވާ ގޮތުގެ ސްނެޕް ޝޮޓް ހިމެނޭ ފޮޓޯ ރިޕޯޓާއި އޭނާ ހަރަކާތްތެރިވެފައިވާ ގޮތުގެ ޓައިމްލައިނުގެ އިތުރުން އަލިފާނުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް އެނގޭނެ ފޮޓޯ ކޯޓަށް ހުށަހަޅާފަ އެވެ.

އޭގެ އިތުރުން ފުލުހުން ވަނީ މައްސަލައާ ގުޅޭ ތަހުގީގު ބަޔާނާއި ހާދިސާ ރިޕޯޓާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގެ އިތުރުން ރޯވި އިމާރާތަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށްދާ ޚަރުދުގެ ތަފްސީލު ވެސް ކޯޓާ ހިއްސާ ކޮށްފަ އެވެ. 

ހުވަފެނީގޯޅީގައި ހުންނަ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ، ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން އަދި އާއްމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުންނެވެ.