ދިވެހިރާއްޖެ މިއޮތީ ރިފެރެންޑަމް އިންތިޚާބެއް ކުރިއަށް ގެންދަން ޖެހޭ ހާލަތެއްގައި ނޫން ކަމަށާއި، ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ހުރިހާ ބާރެއް ނެންގެވުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް ރިފެރެންޑަމް ކުރިއަށް ގެންދަނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިގޭ ވިދާޅުވީ، މިއީ ރިފެރެންޑަމް ވޯޓެއް ނެގުމަށް އެންމެ ރަނގަޅު ހާލަތެއް ނޫން ކަމަށާއި، މި ވޯޓަށް ގައުމު ތައްޔާރުނުވާ ކަމަށެވެ.

ތިން ބާރުވަކިވެފައިވާ ގައުމަކަށް މިރާއްޖެ ބަދަލުކުރި ގޮތަށް އިޝާރާތް ކުރައްވައި ބިގޭ ވިދާޅުވީ، އެއީ ދުވަސްތަކަކަށް ގިނަ ބަޔަކު ކުރި މަސައްކަތުގެ ނަތީޖާ ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވައި، ރައްޔިތުންގެ އަތުގައި ބާރު އޮންނަން ރައްޔިތުން ބޭނުންވާ ކަމަށެވެ.

ނަމަވެސް ޒަމާންތަކަކަށްފަހު އަނެއްކާ ވެސް މިސަރުކާރުން މަސައްކަތް މިކުރަނީ ރައްޔިތުންގެ ބާރުތައް ހަނި ކުރުމަށް ކަަމަށް އޭނާ ވިދާޅުވި އެވެ. 

އެހެން މި ދަންނަވަނީ، ވަރަށް ގިނަ ދުވަސްތަކަކަށްފަހު ކާބަފައިޒަމާނުއްސުރެ ރާއްޖޭގެ ވެރިކަމުގެ ތެރޭގައި، އެއްވެރިއެއްގެ އަތްޕުޅުގައި ހުރި ހުރިހާ ބާރުތަކެއް ތަފާތު ބާރުތަކެއްގެ ގޮތަށް ތިން ބާރު ވަކިވެ، މި ނިޒާމު އަޅުގަނޑުމެންނާ ހަމައަށް ވުޖޫދުވީ ފަހުން، މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ އަނެއްކާވެސް އޭގެތެރެއިން ރައްޔިތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮންނަ ބާރު، ރައްޔިތުންގެ މަޖިލީހުގެ ބާރު، ވެރިކަމުގެ ބާރުގެ ތެރެއަށް އައިސް ގުޅިލާމެހި ތަޅުލެވިގެންދާ ތަން. އެހެންވީމާ، މިއިން އަޅުގަނޑުމެންނަށް މި އެނގޭ އެއްޗަކީ، ރައްޔިތުން ރާއްޖޭގައި މިނިވަންކުރި ބާރުތައް އަނެއްކާވެސް އެއްބާރެއްގެ ގޮތަށް މަސްހުނިވެ، ރައްޔިތުންގެ ހައްގުތައް ކަށަވަރުނުވާ މިންވަރަށް މި ރާއްޖޭގެ ކަންތައްތައް ތަރުތީބުވެ، އިންތިޒާމުކުރަމުންދާ ތަން.
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) 

ބިގޭ ވިދާޅުވީ މިނިޒާމާއެކު ރައީސް މުއިއްޒު ބޭނުންފުޅުވާ ހުރިހާ ބާރެއް ނުލިބޭ ކަމަށާއި، އެހެންކަމުން ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރިފެރެންޑަމް ވޯޓެއް ނަގައި، ބާރުތައް ނެންގެވުމަށް ކަމަށެވެ. އަދި މިކަމަށް ރައްޔިތުން ހޭލުންތެރިވާން ޖެހޭ ކަމަށާއި،  ރިފެރެންޑަމްއަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.