ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުންވާ ގޮތަށް ރިފެރެންޑަމްގެ ވޯޓުގެ ނަތީޖާ ނެރުމަށްޓަކައި މިހާރު ވެސް ރާއްޖޭގެ ގިނަ ރައްޔިތުން މި ވޯޓުން މަހުރޫމް ކޮށްފައިވާ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ މިސަރުކާރާ މެދު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށާއި، ރިފެރެންޑަމްއަށް ގިނަ ރައްޔިތުން ނޫނެކޭ ބުނަން ބޭނުންވާ ކަމަށެވެ.

ނަމަވެސް މިސަރުކާރުގެ ބޭފުޅުން ކުރަމުންދާ ކެންޕޭންގައި ވޯޓު ބާތިލްވާނެ ގޮތަށް ރިފެރެންޑަމްގެ ވޯޓުގައި ކްރޮސް ފާހަގަ ޖެހުމަށް އަންގައި ނުރަނގަޅު މައުލޫމާތު ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުން މިއަދު މި ތިބީ ވަރަށް ބޮޑަށް ވޯޓު ކަރުދާސްކޮޅުގައި ނޫނެކޭ ބުނުމަށް ތައްޔާރުވެގެން މި ތިބީ. މިކަން މި ވެރިންނަށް އެނގުނީމާ މި ކުރާ ކަމަކީ އެ ކަރުދާސްކޮޅުގައި އެހެންވެއްޖެއްޔާ ނޫނެކޭ އޮންނަތަނުގައި ނުބައި ފާހަގަ ޖަހާށޭ. ދެން މިއީ ވަރަށް ބޮޑު މައްސަލައެއް އިނގޭތޯ. ސަރުކާރަކުން ސަރުކާރުގެ މަންދޫބުން ނުކުމެ ރައްޔިތުންނާ ބައްދަލުކޮށްފައި ރައްޔިތުން ކައިރީގައި ވޯޓު ބާތިލުވާ ގޮތަށް މިވެނި ކަމެއް ކުރާށޭ ބުނުން އެއީ ވަރަށް އެހެން ކަހަލަ ކަމެއް އިނގޭތޯ. ވަރަށް ގޯސް ނަތީޖާއެއް މީގެން ނިކުންނާނެ. އެގޮތަށް ވިދާޅުވަމުން މި ދަނީ، އެއީ ނުބައިފާހަގަ މީގައި ޖަހައިފި ކަމަށް ވަންޏާ ވޯޓުގެ ނަތީޖާ މި ބަދަލުވަނީ ބާތިލު ވޯޓަކަށް އެނގޭ. އެ ކަރުދާސްކޮޅެއް ބަދަލުވަނީ. އެހެންވެގެން އެކަން ކުރުވަންވެގެން މި އުޅެނީ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)

ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވައި ސަލީމް ވިދާޅުވީ ރިފެރެންޑަމް އަކީ ގައުމީ ބޮޑު އިންތިޚާބެއް ކަމަށާއި، ނަމަވެސް މި ވޯޓުން ގިނަ ދިވެހީން މަހުރޫމް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި ވެސް ވޯޓު ފޮށި ނުބަހައްޓާ ކަމަށެވެ.

ރާއްޖޭގެ ރާއްޖެއިން ބޭރުގައި ދިވެހިރާއްޖޭގެ އެތައް ރައްޔިތުންނެއް އެކިއެކި މުހުތާދުތައް ފުއްދުމަށްޓަކައި އެބަ އުޅުއްވާ ވަޒަން ވެރިވެގެން ޚާއްސަކޮށް، ސްރީލަންކާ، އިންޑިއާ، މެލޭޝިއާ ފަދަ ގައުމު ތަކުގައި ވަރަށް ގިނަ ރައްޔިތުން އެބަ ދިރިއުޅެމުން އެބަ ގެންދަވާ. އެހެންނަމަވެސް، މިއިން އެއްވެސް ރައްޔިތަކަށް މިއަދަކު ނެތް މި ވޯޓުގައި ބައިވެރިވުމުގެ ފުރުސަތެއް ނެތް މިއަދުގެ ސަރުކާރުން ދީފައެއް. މިއީ ހަމަހަމަކަމާއި އިންސާފުން އެއްކިބާއިން ކޮށްފައި އޮތް ކަމެއްކަން އަޅުގަނޑު ދަންނަވާނީ. ދެން ހަމަ އެއާއެކީގައި މި ސިނާއަތް މަސައްކަތްކުރާ ތަންތަން އަދި ހަމަ ގިނަ ރިސޯޓުތަކުގައި ވެސް ވޯޓު ފޮށި ނުބަހަށްޓާކަން އަޅުގަނޑުމެން ފާހަގަކުރަން. ދެން މި މައްސަލަތައް އަޅުގަނޑުމެން ވާނީ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފަ. އޭސީސީ އަށް އަދި ހަމަ ހިއުމަން ރައިޓްސް ކޮމިޝަނަށް މި މައްސަލަތައް ހުށަހަޅައި، އަދި މި ތަންތަނުގެ ބޭބޭފުޅުންނާ އަޅުގަނޑުމެން ވާނީ ބައްދަލު ވެސް ކޮށްފައި. އަޅުގަނޑުމެންގެ މިހިރަ ކަންބޮޑުވުންތައް. އަދި އެހެންނަމަވެސް، މިއަދާ ހަމަޔަށް ވެސް މިއިން އެއްވެސް ކަމަކަށް ހައްލެއް ނާދޭ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)

ވޯޓަށް ނުފޫޒު ފޯރުވުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ބޭނުންވާ ކެންޑިޑޭޓުން އިންތިޚާބު ކޮށްދީފި ކަމަށްވާނަމަ ބޮޑެތި އިނާމުތައް ވެސް ހުށަހަޅަމުންދާ ކަމަށެވެ.

ނަމަވެސް މިއިން އެއްވެސް މައްސަލައެއް ބަލާނެ މުއައްސަސާއެއް ގައުމުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.