ތިނަދޫ ސިޓީގައި ގާއިމްކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތަށް ގެނައި އެކްސްކެވޭޓަރު އޮތީ ނިދާފައި ކަމަށާ، އެޔެއް ނުހޭލި ކަމަށާ އަދި މި ސަރުކާރަށް އެ ނުވެސް ހޭލެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ގެ ވަގުތީ ޗެއާޕަރސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީ އިން ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ ތިނަދޫގައި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހެދުމަށް އެމްޑީޕީ ސަރުކާރުން އެ ސިޓީއަށް ހުރިހާ އެއްޗެއް ގެންދިއަ ކަމަށެވެ. ނަމަވެސް ގެންދިއަ ހުރިހާ އެއްޗެސް އަދިވެސް ހުރީ ހުރި ގޮތަށް ކަމަށާ އެތަން ވެސް ހުރީ ހަމަ ހުރި ގޮތަށް ކަމަށެވެ. 

ޣަފޫރު ވިދާޅުވީ އެތަނުގައި މަސައްކަތް ކުރި އެކްސްކެވޭޓަރު އޮތީ ނިދާފައި ކަމަށެވެ. އަދި އެޔެއް ނުހޭލި ކަމަށާ މި ސަރުކާރަކަށް ހޭ ނުވެސް ލެއްވޭނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

މިއީކީ ރައްޔިތުންނަށް މަސައްކަތް ކުރަން އައި ސަރުކާރެއް ނޫން. ރައްޔިތުންގެ ފައިސާ އިން ވައްކަން ކުރަން އައި ސަރުކާރެއް މިއީ. އެނޫން އެއްވެސް ކަމެއް މި މީހުން ނުކުރާނެ. މި ސަރުކާރު އައި ފަހުން 42 ބިލިއަން ރުފިޔާގެ ދަރަނި އުފައްދައިފި. މި އަހަރުގެ ބަޖެޓާ އެއްކޮށް 174 ބިލިއަން ރުފިޔާ ރައްޔިތުންނަށް ދީފި. އޭގެ ތެރޭގަ މި ތިނަދޫގެ ރައްޔިތުންގެ ފައިސާ ވެސް ވާނެ. އެއްވެސް ކަމެއް މި ތިނަދޫގެ ފަސްގަނޑަށް ނުކޮށް ވޯޓު ހޯދަން ރައްޔިތުންގެ ކައިރިއަށް އަންނަން  ލަދެއް ނުގަނޭ މި މީހުން. އެއްވެސް ލަދެއް ނެތި އެ ބުނަނީ ވޯޓު ދޭން. 
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ގެ ވަގުތީ ޗެއާޕަރސަން އަބްދުލްޣަފޫރު މޫސާ

އެ ސިޓީގައި ގާއިމްކުރާ ކޯލްޑް ސްޓޯރޭޖްގެ އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި، މަސްވެރިން މާޔޫސްވެފައިވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވަނީ މިދިޔަ އަހަރު ވެސް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. 

ސަނީފު ވިދާޅުވީ ހުވަދު އަތޮޅުގެ މަސްވެރިކަމުގެ ސަރަހައްދަކަށްވުމާއެކު، އިތުރު ކޯލް ސްޓޯރޭޖެއް ތިނަދޫގައި ގާއިމްކުރުމަށް ބިމެއް ހިއްކި ކަމަށާއި، އެ ސްޓޯރޭޖް ގާއިމް ކުރުމަށް ސާމާނާ، އެކިއެކި އާލަތްތައް ތިނަދޫއަށް ގެންގޮސްފައިވާ ކަމަށެވެ. 

މީގެ އިތުރުން ސަނީފު ވިދާޅުވީ ވެރިކަން ނިމިގެންދިޔައިރު، އެ މަޝްރޫއު އެއްކޮށް ނުނިމޭ ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ސްޕީޑް ލަސްވެ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރެއްވި ކަމަށެވެ.

މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ނުދާއިރު، 22 ސެޕްޓެންބަރު 2024 ގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެސިޓީގެ މަސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި ވިދާޅުވެފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގައި ތިނަދޫ ސިޓީގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިންމައި، ޚިދުމަތްދޭން ފަށާނެ ކަމަށެވެ.

ހުވަދު އަތޮޅަކީ ރާއްޖޭގެ ދޮށީ މަސްވެރިކަމުގެ މައި މަރުކަޒަށްވެފައި، ދޮށީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ރާއްޖޭގެ އެކި ސަރަހައްދަށް ނިސްބަތްވާ ގިނަ އޮޑިފަހަރުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދެ އެވެ.

ތިނަދޫ އިންޑަސްޓްރިއަލް ޒޯންގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ ފައުންޑޭޝަން މަސައްކަތާއި، ޑީސަލް ޓޭންކްގެ ފައުންޑޭޝަން މަސައްކަތާއި އެއް ފަންގިފިލާގެ 4,790 އަކަފޫޓުގެ އިދާރީ އޮފީސް އިމާރާތެއް ގާއިމްކުރުމާއި، އެއް ފަންގިފިލާގެ 261 އަކަފޫޓުގެ ކެމިކަލް ރައްކާކުރާ އިމާރާތެއް ގާއިމްކުރުމާއި، އެއް ފަންގިފިލާގެ 266 އަކަފޫޓުގެ ލޮނު ރައްކާކުރާ އިމާރާތެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 3,050.363 އަކަފޫޓުގެ ސަރަހައްދެއްގައި ރ-ީއިންފޯރސްޑް ކޮންކްރީޓް ޕޭވިންގ އެޅުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

ސައުދީ ޑެވެލޮޕްމެންޓް ފަންޑް(އެސްޑީއެފް) ގެ އެހީގައި ކުރިޔަށްގެންދާ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 12 ޖުލައި 2023 ގަ އެވެ.