ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙަކީ
ޒިންމާދާރުކަމާއެކު ޤާނޫނަށް ގެނެވިފައިވާ އިސްލާޙެއްކަމަށް ދެންނެވެން ނެތް
ކަމަށާއި، އެއީ ޤާނޫނީ ގޮތުން އެތައް ސުވާލެއް އުފެއްދެން އޮތް އުނި އިސްލާޙެއްކަމަށް
ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަން ވެސް
ކުރައްވާފައިވާ މުއިއްޒު އެފަދައިން ވިދާޅުވީ ބާ ކައުންސިލުން ހޮނިހިރު ދުވަހު ކުރިއަށް
ގެންދިޔަ ފޯރަމްގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، ޤާނޫނުއަސާސީއަށް
އިޞްލާޙުތަކެއް ގެނައުމަށް ވިސްނަވަމުން ގެންދަވާ ވާހަކަ ރައީސް ޑރ މުޙައްމަދު
މުއިއްޒު މީގެ ދެއަހަރު ކުރިން ދައްކަވަމުން ގެންދަވާފައިވާ ކަމަށާއި، ވީއިރު، މިހާ
ވަގުތު ކުޑަތަންވާގޮތަށް އެކަން ކުރެއްވި ސަބަބާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި
ވިދާޅުވީ، ރައްޔިތުންނަށް ވެސް މިކަމުގައި އެކަށީގެންވާ ފުރުސަތު ލިބޭގޮތަށް މި
މަސައްކަތް ކުރިއަށް ގެންދެވިނަމަ މިއީ ޒިންމާދާރު ގޮތެއްގައި ކޮށްފައިވާ ކަމެއްކަމަށް
ބަލައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ހަމައެއާއެކު، މި ބިލުގެ މަސައްކަތް ވެސް ކުރެވިގެން
ދިޔައީ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެންކަން
އޭނާ ފާހަގަ ކުރެއްވިއެވެ.
މީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވިދާޅުވެއްޖެ މި އިސްލާޙުގެ ވާހަކަ ކޮންމެވެސް ސިފައެއްގައި، 2025 ވަނަ އަހަރު މި ވާހަކަ ދައްކަވައިފި، އެހެންވީމާ އޭގެ ފަހުން ކުއްލިއަކަށް ޖެނުއަރީ މަހާ ހަމައަށް މިކަން ފަސްކުރެއްވީ ކީއްވެގެންތޯއޭ، ރައްޔިތުންނަށް މީގަ ތަންކޮޅެއް ބޮޑަށް ފުރުސަތު ލިބޭފަދަ ގޮތަކަށް މިކަންކަން ފަހި ކުރެއްވިނަމަ މާ ޒިންމާދާރު ގޮތެއްގައި މިކަންކަން ގެންދެވުނު ކަމަށް ރައްޔިތުން ބަލައިގަންނާނެރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު
ނޫ ޤާނޫނުއަސާސީ އަދި ފެހި ޤާނޫނުއަސާސީ އެކުލަވާލި
މަޖިލީހުގައިވެސް މަސައްކަތް ކުރެއްވި މުއިއްޒު އިތުރަށް ވިދާޅުވީ، މި ބަދަލު ޤާނޫނުއަސާސީއަށް
ގެނައުމަށް މަޖިލީހުގައި މަސައްކަތްތައް ކުރިއަށްދިޔައިރު މެމްބަރުން ވެސް
ކުރަންޖެހޭ އެތައް ސުވާލެއް ނުކޮށް ހުރި ކަމަށެވެ. އެގޮތުން މި ބަދަލާއެކު ދެން
ޤާނޫނުއަސާސީއަށް ގެންނަން ޖެހޭނެ ގުޅިފައިވާ އިސްލާޙުތަކާއި، ޚަރަދު ކުޑަކުރުމުގެ
ވާހަކަ ފަދަ އެތައް ސުވާލެއް ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ،
ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ބަދަލުތައް ގެންނައިރު އެފަދަ ސުވާލުތަކުގެ ޖަވާބު
ކޮންމެހެން ވެސް ލިބެންޖެހޭ ކަމަށެވެ.
މިކަންކަން މިހެން ހުއްޓާ ކުއްލިއަކަށް 3 ޖެނުއަރީގައި ޑްރާފްޓްކުރި ބިލެއް 4 ގައި ގެނެސް، 24 ގަޑިއިރު ނުވަނީސް 5 ވަނަ ދުވަހު ބަހުސް ފެށުން، މިއީ ކޮން ކަހަލަ ވާހަކައެއްތޯ؟ މި ވާހަކަތައް އަޅުގަނޑުމެންގެ މަންދޫބުން ކޮންމެވެސް ވަރަކަށް ދައްކާފައި އެބަހުރި 24 ގަޑިއިރުގެ ނޯޓިސް ކިރިޔާ ލިބުނީއޭ، މިއީ ވަރަށް މުހިއްމު، ލިބެންޖެހޭ ޖަވާބުތަކެއްރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު
މީގެ އިތުރުން، މި އިސްލާޙުގެ 4 ވަނަ މާއްދާގައި
ހިމެނިފައިވާ ކަންކަމަކީ ޤާނޫނު ތަސްދީޤުކުރުމާއެކު ޤާނޫނުއަސާސީގެ ތެރެއަށް
ވަންނާނެ މާއްދާއެއްތޯ ނުވަތަ ނޫންތޯވެސް މުއިއްޒު ވަނީ ސުވާލު ކުރައްވާފައެވެ.
އެގޮތުން އެ މާއްދާގައި އޮންނަނީ މި ޤާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ
މަޖިލީހުގެ އުމުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ހަމަވާނެ
ކަމަށާއި، މަޖިލިސް މެމްބަރުން ހޮވުމަށްޓަކައި ޤާނޫނަށް އަމަލުކުރުމަށް ފަހު އެންމެ
އަވަހަށް ބާއްވަންޖެހޭ އިންތިޚާބު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވައި، އެ
މަޤާމުތަކަށް މީހުން އައްޔަނު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ނިންމައި، 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ
ދުވަހު ފުރަތަމަ ޖަލްސާ ބާއްވަންޖެހޭނެ ކަމަށެވެ.
މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި ކޮވިޑުގެ
ދުވަސްވަރު 2020 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ސުޕްރީމް ކޯޓުން
ނެރެފައިވާ އިޝްތިޝާރީ ލަފައެއްގައި ޤާނޫނުއަސާސީގައި ނުހިމެނޭ މާއްދާތަކުގެ
ޤާނޫނީ ބުރަދަނާއި، ނަތީޖާއާމެދު އޮޅުން އަރާ އަދި ތަފާތު ގިނަ ގޮތްގޮތަށް މާނަ
ކުރެވޭ ކަންކަމުން އެއްކިބާވާން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި
ވިދާޅުވީ، މިހާރު އޮތް ގޮތުން 4 ވަނަ މާއްދާ އަންނަނީ ޤާނޫނުއަސާސީގެ ކޮން
ހިސާބަކަށްކަން ވެސް އެނގޭކަށް ނެތް ކަމަށެވެ.
އެހެންވީމާ މިއީ އުނި އިސްލާޙެއް، ރަނގަޅަކަށް ނޫން މިކަން ކުރެވިފައި މި އޮތީކީ، އެހެންވީމާ މިއީ ޑިފެކްޓިވް، ޤާނޫނީ ގޮތުން ސުވާލު އުފެއްދިދާނެ އިސްލާހެއްގެ ގޮތުގައި އަޅުގަނޑު ދެކެން، އެފަދަ ކަންކަން ވަނީ ސުޕްރީމް ކޯޓުން 2020 ވަނަ އަހަރު ވެސް މައްސަލަ ހުށަހެޅި ފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާފައި، ވީމާ އެކަމަށް ސަމާލުކަން ނުދެވި އަނެއްކާވެސް މި އިސްލާޙު ހުށަހެޅިފައި މި އޮތީ، ވަރަށް ދެރަ ކަމެއް މިހާ މުހިންމު ކަމެއްގައި ސަމާލުކަން ދޭން ވާވަރަށް، މިއީ ހަމަ ޑްރާފްޓިންގ ގަ ރަނގަޅުކޮށްލެވެން އޮތް ކަމެއް، އެކަމަކު ސަމާލުކަން ނުދެވިގެން މިކަން ނުކުރެވި މި އޮތީރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު
މިކަންކަން އެހެން ހުރުމާއެކު، މިއީ ޒިންމާދާރުކަމާއެކު ޤާނޫނަށް ގެނެވިފައިވާ އިސްލާޙެއްކަމަށް ދެންނެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.