ރިޔާސީ ގަރާރެއްގެ
ދަށުން ފެންނަނުފެންނަ ވޯޓެއް ކުރިއަށްގެންދާއިރު، އެކަމާ ގުޅޭ މައުލޫމާތު ކަރުދާހުގައި
އެކަމާ ގުޅޭ އެއްކޮޅު އަދި ދެކޮޅު މައުލޫމާތުތައް ވެސް ހިމަނަންޖެހޭގޮތަށް ޤާނޫނު
އިސްލާޙުކުރަންޖެހޭކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންސްޕޭރެންސީން
ވަނީ ކުރިއަށް އޮތް އިންތިޚާބުތަކާ ގުޅޭ ލީގަލް ރިވިއު އެއް ހަދައި، ކޮމިޝަނަށް ފެންނަ
ކަންކަން އެ ރިޕޯޓުގައި ހިއްސާކޮށްފައެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަމަށް ފެންނަ ކަންކަން
އެ ރިޕޯޓުގައި ހިއްސާކޮށްފައިވެއެވެ.

އޭގެ ތެރެއިން
ބައެއް ކަންކަމަށް ބަލާއިރު، އެކަމަށް ތާއީދުކުރާ އަދި ދެކޮޅު ހަދާ ހުއްޖަތްތައް ހިމެނޭހެން
ހަމަހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް ލާޒިމްކުރާ ގޮތަށް ގާނޫނު އިސްލާހުކުރަން ފެންނަކަމަށް
ވަނީ ބަޔާންކޮށްފައެވެ. އެގޮތުން މިހާރު އޮންނަ ގޮތުން ރިޔާސީ ގަރާރެއްގެ ދަށުން ފެންނަނުފެންނަ
ވޯޓެއް ކުރިއަށްގެންދާއިރު، އެކަމާ ގުޅޭ މައުލޫމާތު ކަރުދާހުގައި ހިމަނަން ލާޒިމުކުރަނީ
ހަމައެކަނި އެކަމަށް ތާއީދުކުރާ އުސޫލުތައްކަމަށް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު،
ކުރިއަށް އޮތް ތަނުގައި ބާއްވާ ފެންނަނުފެންނަ ވޯޓުތަކަކީ ވެނިސް ކޮމިޝަންގެ މިންގަނޑުތަކާ
އެއްގޮތަށް، ވޯޓުލާ މީހުންނަށް ފެންވަރު ރަނގަޅު އަދި ހަމަހަމަ މައުލޫމާތު ލިބޭނެ އިންތިޒާމު
ކަށަވަރުކުރާ ވޯޓުތަކަކަށް ހެދުމަށްޓަކައި މި އިސްލާހު ގެނައުން މުހިންމުކަން ވެސް ޓްރާންސްޕޭރެންސީން
ވަނީ ފާހަގަކޮށްފައެވެ.

ޓްރާންސްޕޭރެންސީން
އިތުރަށް ބުނީ، ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލުތައް އެކުލަވާލާއިރު، އެ ވޯޓަކީ
ގާނޫނުއަސާސީގެ ކޮން މާއްދާއެއްގެ ދަށުން ލާޒިމްކުރާ ވޯޓެއްކަން ސާފުކޮށް އެނގޭނެހެން،
ނުވަތަ އެ ބަދަލުގެ ސަބަބުން ނުކުންނާނެ ނަތީޖާ ވޯޓުލާ މީހުންނަށް ތަފްސީލުކޮށްދޭނެ
އެއްވެސް މާއްދާއެއް މިހާރުގެ ގާނޫނުގައި ނެތް ކަމަށެވެ.

އެހެންކަމުން
ފެންނަނުފެންނަ ވޯޓުގައި އަހާ ސުވާލުގައި، އިސްލާހުކުރެވޭ ގާނޫނުއަސާސީގެ މާއްދާއާއި
އެ ބަދަލުގެ ސަބަބުން ކުރާނެ އަސަރު ސާފުކޮށް ބަޔާންކުރުން ލާޒިމު ކުރުމާއި، ފެންނަ ނުފެންނަ
ވޯޓެއް ނެގުން ލާޒިމްވާ ބިލެއްގައި، އެ ނޫން އެހެން ކަންކަން ހިމެނޭނަމަ، އެ ކަންކަން
ވަކިން ފާހަގަކޮށް ސުވާލުގައި ހިމެނުން ފަދަ ބަދަލުތައް ގެނައުމަށް ވެސް ޓްރާންސްޕޭރެންސީން
ގޮވާލާފައިވެއެވެ. އަދި ރިޔާސީ ގަރާރު ފައިނަލް ކުރުމުގެ ކުރިން، މި މިންގަނޑުތަކަށް
ނުފެތޭ ސުވާލުތައް އަލުން މުރާޖައާކުރުމަށް ފޮނުވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދިނުން ފަދަ ބަދަލުތައް ގެންނަން ޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.

ޓްރާންސްޕޭރެންސީން
ފާހަގަކުރާ ގޮތުގައި މި ބަދަލުތަކަކީ ފެންނަ ނުފެންނަ ވޯޓުގެ ސުވާލުތަކުގެ ސާފުކަން
ކަށަވަރުކުރުމަށް ވެނިސް ކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި، ގާނޫނުއަސާސީއަށް
ގެނެވޭ ބަދަލުތަކަކީ ހަމައެކަނި ނަމެއްގައި ހޯދާ ހުއްދައަކަށް ނުވެ، ރައްޔިތުންގެ މާނަހުރި
ނިންމުމަކަށް ހެދުމުގެ އުސޫލާ އެއްގޮތްވާނެ ބަދަލުތަކެކެވެ.

މީގެ
އިތުރުން، ކުރިއަށް އޮތް ތަނުގައި ބާއްވާ ފެންނަ ނުފެންނަ ވޯޓުތަކަށް އަމާޒުކޮށް، ކެމްޕޭން
ކުރާ ހުރިހާ ޕާޓީތަކަކާއި ވަކިވަކި ފަރުދުން ޚަރަދުކުރެވޭނެ އެންމެ މަތީ މިންވަރެއް
ކަނޑައެޅުމަށް ގާނޫނު އިސްލާހުކުރަން ޖެހޭކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ޓްރާންސްޕޭރެންސީން
ފާހަގަކޮށްފައިވާ ބައެއް އިތުރު ކަންބޮޑުވުންތަކަށް ބަލާއިރު، ވޯޓުލާ މީހުންގެ ރަޖިސްޓްރީ
އާންމުކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ކުރު މުއްދަތަކީ 14 ދުވަސް ކަމަށްވާއިރު،
މިއީ ޝަކުވާ ހުށަހެޅުމާއި އިސްތިއުނާފު ކުރުމަށް ހޭދަވާ މަދުވެގެން 25 ދުވަހުގެ މުއްދަތާ
ނުބައްދަލު މުއްދަތެއްކަން ވަނީ ފާހަގަކޮށްފައެވެ.

 މީގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ބާއްވާ މިފަދަ
ވޯޓުތަކުގައި، ރަޖިސްޓްރީން ނުބައިކޮށް އުނިކޮށްފައިވާ ނުވަތަ އިތުރުކޮށްފައިވާ މީހުންނަށް
ވޯޓުލާ ދުވަހުގެ ކުރިން އެކަމަށް ގާނޫނީ ހައްލެއް ހޯދުމުގެ ފުރުސަތެއް ނޯންނާނެކަމަށާއި،
އެހެންކަމުން، އާންމު އިންތިޚާބުތަކުގެ ގާނޫނުގެ މިންގަނޑާ އެއްގޮތަށް ރަޖިސްޓްރީ އާންމުކުރާ
މުއްދަތު 45 ދުވަހަށް އިތުރުކުރުމަށް ނުވަތަ ފެންނަ ނުފެންނަ ވޯޓުގެ ހާލަތަށް ޚާއްސަކޮށްގެން
އަވަސް މުއްދަތެއްގައި ޝަކުވާ ބަލާނެ ނިޒާމެއް ގާއިމުކުރުމަށް ގާނޫނު އިސްލާހުކުރަން
ޖެހޭކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މިހާރުގެ
ގާނޫނު ބަޔާންކުރާ ގޮތުން، ފެންނަނުފެންނަ ވޯޓެއް ކާމިޔާބުވާނީ ސައްހަ ވޯޓުގެ 50 އިންސައްތައަށްވުރެ
ގިނަ ވޯޓު ލިބުމުންނެވެ. އަދި ވޯޓުލާން ނުކުންނަންޖެހޭނެ ވަކި މިންވަރެއް (ޓާންއައުޓް
ތްރެޝްހޯލްޑް) ކަނޑައަޅާފައެއް ނުވެއެވެ. މި ގާނޫނުގެ ދަށުން މީގެ ކުރިން ބޭއްވި ހަމައެކަނި
ވޯޓު ކަމަށްވާ އައްޑޫ ފެންނަނުފެންނަ ވޯޓުގައި، ވޯޓުލާން ނުކުތީ އެންމެ 37 އިންސައްތަ
މީހުން ކަމަށްވީ ނަމަވެސް، އެ ނިންމުމަކީ އަމަލުކުރުން ލާޒިމް ނިންމުމަކަށް ވެގެންދިޔައެވެ.

އެހެންކަމުން
ޓްރާންސްޕޭރެންސީން ފާހަގަކުރާ ގޮތުގައި ގައުމީ އިންތިޚާބުތަކުގެ އޮނިގަނޑަށް ދާއިމީ
ބަދަލެއް ގެންނަ ފަދަ ގާނޫނުއަސާސީގެ ފެންނަނުފެންނަ ވޯޓެއްގައި، ވޯޓުލާން ނުކުންނަ
ބައެއްގެ އަގުލަބިއްޔަތަށްވުރެ ބޮޑު ޑިމޮކްރެޓިކް ސައްހަކަމެއް އޮންނަންޖެހެއެވެ. އެހެންކަމުން،
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ ދަށުން ނަގާ ފެންނަނުފެންނަ ވޯޓުތައް ފާސްވާނީ،
ހަމައެކަނި ވޯޓުލީ މީހުންގެ އަގުލަބިއްޔަތުން ނޫން ކަމަށާއި، ރަޖިސްޓްރީ ކުރެވިފައިވާ
މީހުންގެ ވަކި އިންސައްތައެއްގެ ތާއީދު ލިބިގެން ކަމަށް ކަނޑައެޅުމަށް ރައްޔިތުންގެ
މަޖިލީހުން ގާނޫނު އިސްލާހުކުރަން ޖެހޭކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.