މަދަހަ އަދި ގުރުއާން މުބާރާތުގެ ފައިސާގެ އިނާމްތައް އިތުރުކުރީ ޒުވާން ސިކުނޑިތަކަށް ދީނީ ކަންކަމަށް ޝައުގުވެރިކުރުވާ، މާނަ ހުރި ހިތްވަރެއް ދިނުމުގެ ބޭނުމުގައި ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް އެފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ޤްރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ ގުރުއާން މުބާރާތުގައި 793 ބައިވެރިން، މަދަހަ މުބާރާތުގައި 364 ބައިވެރިން ހިމެނޭހެން ޖުމްލަ 1154 ބައިވެރިން އެ މުބާރާތްތަކުގައި ބައިވެރިވުމަށް ރެޖިސްޓްރީވެފައިވާ ކަމަށެވެ. ނަމަވެސް ސްކޫލް ޓެސްޓްތަކާއި އެ މުބާރާތް ބޭއްވި ދުވަސްކޮޅާއި ދިމާވުމުން ބައެއް ދަރިވަރުންގެ ހުށަހެޅުންތައް ހުށަހަޅާ ދީފައި ނުވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި މި މުބާރާތް ބާއްވާ އިރު އެފަދަ ކަންކަމަށް ވިސްނާނެ ކަމުގައި އާޒިމް ވިދާޅުވި އެވެ.

ކުދިންނާއި ޒުވާނުންގެ މެދުގައި ދިގުދެމިގެންދާ ރަނގަޅު އާދަތަކެއް އަށަގެންނެވުމަކީ ސިޓީ ކައުންސިލުން އިސްކަމެއް ދޭ ކަމެއް ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. ދަރިންނާއި ޒުވާނުންގެ ހިތުގައި ގުރުއާނާއި ދީނީ ކަންކަމަށް އޮތް ލޯބި މިފަދަ މުބާރާތްތަކުން އިތުރުވެގެން ދިއުމަކީ އުންމީދު ކުރައްވާ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން މި މުބާރާތްތަކާއި ގުޅޭ ގޮތުން ނެރުނު ފޮތަކީ ވެސް މުހިންމު ބޭނުންތެރި ފޮތަކށް ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

"ފޮތެއްގެ ގޮތުގައި މިކަން އޮތުމުން ރެކޯޑް ކުރެވި ތާރީހަށްޓަކާ ރައްކާތެރިކުރެވޭނެ." އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން، މި މުބާރާތް މެދުވެރިކޮށް ދީނީ އަގީދާ އާއި އިސްލާމް ދީނަށް އޮންނަ ލޯބި ދިރުވާ އާލާކުރުމަށް ފުރުސަތު ލިބޭ ކަމަށް މޭޔަރ އާޒިމް ވަނީ ވިދާޅުވެފަ އެވެ. އެ މުބާރާތް ސަލްމާން މިސްކިތުގައި ބޭއްވުމަކީ މުބާރާތަށް ލިބުނު ފުރިހަމަ ކަމެއް ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.