ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙަކީ މުޅި
ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލު އަންނަފަދަ އިސްލާޙެއްކަމަށް ޤަބޫލު
ކުރައްވާކަމަށް ޤާނޫނީ އަދި ދުސްތޫރީ ދިރާސާތައް ކުރައްވާ ލިޔުންތެރިއެއްކަމަށްވާ ޑރ ޝަމްސުލް ފަލާޙު
ވިދާޅުވެއްޖެ އެވެ.
ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަކާ ގުޅޭގޮތުން އިލްމީ
ދިރާސީ ލިއުންތައްވެސް ލިއުއްވާފައިވާ ޝަމްސުލް ފަލާޙު އެފަދައިން ވިދާޅުވީ ބާ
ކައުންސިލުން ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ފޯރަމްގައި އޮންލައިންކޮށް
ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މި ފޯރަމްގައި ކުރީގެ ބަންޑާރަނައިބުކަން
ކުރައްވާފައިވާ ދިޔާނާ ސައީދު އަދި އާޒިމާ ޝަކޫރުވެސް ވަނީ ޤާނޫނުއަސާސީއަށް
ގެނައި 8 ވަނަ އިސްލާޙުގެ ސަބަބުން ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށް ބަދަލެއް
ނާންނަކަމަށް ދެކިލައްވާކަމަށް ވިދާޅުވެފަ އެވެ.
އެހެންނަމަވެސް ފަލާޙުގެ ވިސްނުންފުޅު އެކަމުގައި
ތަފާތެވެ. އެގޮތުން ފަލާޙު ވިދާޅުވީ، ޤާނޫނުއަސާސީގެ ދެވަނަ މާއްދާގައި ދިވެހި
ދައުލަތުގެ ވަރަށް ގިނަ އަސާސީ ސިފަތައް އެބަހުރި ކަމަށާއި، އެ މާއްދާގައި ދިވެހި
ދައުލަތުގެ ޖުމްހޫރިއްޔާ މާނަކޮށްދީފައި އޮތީ މިއީ އިސްލާމީ އުސޫލުތަކުގެ މައްޗަށް
ބިނާވާ މިނިވަން، ދިމިޤްރާތީ، ޖުމްހޫރީ ދައުލަތެއްގެ ގޮތުގައި ކަމަށެވެ.
އެހެންވީމާ ދެވަނަ މާއްދާގައި މި ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ، މި ދައުލަތް އެއަށް ބިނާވާ އަސާސީ ސިފަތައްކަމަށް ބުނެވިދާނެ، އެއީ މުޤައްދިމާއެއްވެސް ނެތުމާއެކު، އެހެންވީމާ މިކަންކަމާ މި އިސްލާޙު ގުޅުވާލެވޭތޯ ނުވަތަ ނޫންތޯ ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ވަރަށް މުހިއްމު ކަމެއް ޤައުމެއްގެ ނިސްބަތުން އަދި ޤައުމެއްގެ ދުސްތޫރީ އޮނިގަނޑެއްގެ ނިސްބަތުން.ޝަމްސުލް ފަލާޙު
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ
ޤައުމުގެ ދުސްތޫރީ އޮނިގަނޑުގެ ނިސްބަތުން މުހިއްމު އެއްޗެއް ކަމަށް ފަލާޙު
ވިދާޅުވި އެވެ. އަދި އެއަށް ގެންނަ ބަދަލަކީވެސް އޭގެ ޒާތުގައި ބޮޑު
ބަދަލަކަށްވާނެކަމަށާއި، އެއީ އަސާސީ އޮނިގަނޑަށްވެސް ބަދަލު އަންނަ ކަމެއްގެ ގޮތުގައި
ބުނެވިދާނެކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ފަލާޙު އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީއަށް ބަދަލު
ގެނައުމަކީ މައްސަލައެއް ނޫން ކަމަށާއި، އެކަން ކުރަންވާނީ ޤާނޫނީ މިންގަނޑުގެ
ތެރެއިން ކަމަށެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ
ގުޅޭ ވަކި އުސޫލެއް ރާއްޖޭގައި ބަލައިގެންފައި ނެތްކަމަށް ބުނަމުންދާ ސަބަބު ވިސްނިވަޑައިނުގަންނަވާ
ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އެކަމާ ގުޅޭ އަސާސީ ސިފަތައް ސުޕްރީމް
ކޯޓުގެ ބައެއް ގަޒިއްޔާތަކުގައިވެސް ކަނޑައަޅާފައިވާކަމަށާއި، އޭގެ ތެރެއިން
ގަޒިއްޔާއެއްގައި، ޤާނޫނުއަސާސީއަށް ބަދަލު ގެންނަންވާނީ "ޤާނޫނުއަސާސީގެ އޮނިގަނޑު
ރޫޅިގެން ނުދާނެ ގޮތަކަށް" ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ
ވިދާޅުވި އެވެ.
މިތަނުގައި ދެންމެ ފާހަގަ ކުރެއްވި "ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިން" މިއީ އިލްމީ ޑޮކްޓްރިން އެކޭ ރާއްޖޭގައި ބަލައިގެންފައެއް ނެތޭ އެހެންވީމާ ޖެހޭނީ ކޯޓަށް ގޮސްގެން މިކަންކަން ނެރޭށޭ، އަޅުގަނޑަކަށް ނޭނގެ ކީއްވެކަމެއް އެހެން އެ ވިދާޅުވަނީ، ހިންގަވާ 2012 ވަނަ އަހަރަށް، މުޙައްމަދު ފަހުމީ ޙަސަން ވ ރައްޔިތުންގެ މަޖިލިސް ގަޒިއްޔާގައި ވަރަށް ސާފުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފައިވާނެ، މި އަސާސީ ސިފަތަކަކީ ދިވެހި ދައުލަތް އެ އަސާސްތަކުގެ މައްޗަށް ބިނާވާ ދިވެހި ދައުލަތުގެ އެންމެ މަތީ މުބާދިއުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކޭ، މިއިން އެއްވެސް އަސާސެއް މުގުރާލެވިއްޖެނަމަ މުޅި ދައުލަތުގެ ވުޖޫދަށް ބުރޫ އަރާނެކަމަށް، މިގޮތަށް ފާހަގަކޮށްފައިވޭ.ޝަމްސުލް ފަލާޙު
އެހެންކަމުން އެ ސަބަބުތައް އެހެން ހުރުމާއެކު،
ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙަކީ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑަށްވެސް
ބަދަލު އަންނަ ފަދަ އިސްލާޙެއްކަމަށް ޤަބޫލު ކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.