ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ޑަބްލިއުޑީސީ އިންތިޚާބު އަދި ޚިޔާލު ހޯދުމުގެ ވޯޓަށް ހަފްތާއަކަށް ވެފައި ވަނިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަޒީފާގެ 48 ފުރުސަތު ހުޅުވާލައިފި އެވެ. 

ކަސްޓަމްސް އިން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނީ އެސިސްޓަންޓު ކަސްޓަމްސް އޮފިސާ ޓްރޭނީ ގެ މަގާމަށް 48 ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން އެ ވަޒީފާ އަށް ކުރިމަތި ލުމުގެ ޝަރުތަކީ ސާނަވީ އިމްތިހާނުގައި ދަށްވެގެން "ޑީ" ފާސް ލިބުމާއި ދިވެހި މާއްދާއިން "ސީ" ހޯދާފައިވުމެވެ.

އެ މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާއިރު މަގާމުގެ އިނާޔަތުގެ ގޮތުގައި 4،660 ރުފިޔާ ދިނުމަށް އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާ އިނާޔަތުގެ ގޮތުގައި ދިނުމަށް ވެސް ކަނޑައަޅާފައި ވެ އެވެ.

ކަސްޓަމްސް ގެ އިއުލާނުގައި ބުނެފައިވަނީ އެ އިނާޔަތްތަކުގެ އިތުރުން ދައުލަތުގެ ޕޭ ފްރޭމްވޯކުގައިވާ ގޮތަށް، ކޮއްތު ފައިސާއާއި އިތުރުގަޑީގެ ފައިސާއާއި އެހެން އިނާޔަތްތައް ވެސް ދޭނެ ކަމަށެވެ. 

މިއާއެކު ކޮންމެ މުވައްޒަފަކަށް ވެސް މަހަކު ގާތްގަނޑަކަށް 12،000 ރުފިޔާ ލިބޭނެ އެވެ. އެ ވަޒީފާތަކަށް ކުރިމަތިލުމަށް ދީފައިވަނީ އެންމެ ހަތަރު ދުވަހެވެ. އެގޮތުން އެ އިއުލާނުގައިވާ ގޮތުން މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އެޕްރީލް 1 ވަނަ ދުވަހުގެ 23:00 އެވެ.

ކަސްޓަމްސް އިން އެއް ދުވަހާ އެކަނި ވެސް ވަޒީފާގެ 48 ފުރުސަތު ހުޅުވާލާފައިވާއިރު މި ވަގުތަކީ މީހުން ވަޒީފާ އަށް ނެގުމަށް އެހާ ރަނގަޅު ވަގުތެއް ނޫން ކަމަށާއި، މި ވަގުތަކީ ވަޒީފާތަކަށް މީހުން ނެގުމަށް ދަތިވެދާނެ ދުވަސްކޮޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ފާއިތުވި ހަފްތާގައި ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ސަރުކާރުން ހިންގުމަށްޓަކައި ދޭން ޖެހޭ ވަޒީފާތައް ދޭން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު އެހެން ވިދާޅުވި އިރު ޕަބްލިކް ވޯކްސް ޔުނިޓް ތަރައްގީ ކުރުމަށްޓަކައި 4 މޮބައިލް ޔުނިޓަށް ޖުމްލަ 516 މުވައްޒަފުން ނެގުމަށް ނިންމާފައިވާ ކަމަށް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އިންތިޚާބާ ދިމާކޮށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ  ސައިޓުތަކަށް 140ށް ވުރެ ގިނަ މުވައްޒަފުން ހޯދަން ސަރުކާރުން އިއުލާނު ކޮށްފައި ވެ އެވެ. އަދި އެފްއެސްއެމްއާއި އެމްޓީސީސީ އިން ވެސް ވަޒީފާތައް އިއުލާނު ކޮށްފައިވާއިރު މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް އިދިކޮޅު އެމްޑީޕީ އިން މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާ، ކަންބޮޑުވުން ފާޅު ކޮށްފައި ވެ އެވެ.