ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު
ގެންނަންޖެހޭ ފަދަ ހުއްޖަތެއް ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ޤަރާރުގައި
ނެތްކަމަށް  އެމްޑީޕީގެ ލީގަލް ޑިރެކްޓަރ
އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން
މައުރޫފް ވިދާޅުވީ، އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް
އެ ކޯޓުން ނިންމާފައިވާ ކަމަށާއި، އެ މައްސަލައިގެ މުޅި ދައުވާ ބިނާވެފައި އޮތީ
ޤަރާރުގައި ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަވެފައި ނެތުމުން އެކަމުގެ މައްޗަށް
ކަމަށެވެ.

މައުރޫފް ވިދާޅުވި ގޮތުގައި ރައީސް ނެރުއްވި ޤަރާރުގައި
ބަޔާން ކުރައްވާފައި އޮތީ ހަމައެކަނި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ
ގުޅޭ ހުއްޖަތްތަކެވެ.

އެހެންނަމަވެސް، ރެފަރެންޑަމް ނަގަން މި ޖެހެނީ
ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރުވާތީކަން ފާހަގަ ކުރައްވައި މައުރޫފް
ވިދާޅުވީ، އެކަމާ ގުޅޭ އެއްވެސް ހުއްޖަތެއް ޤަރާރުގައި ފެންނަން ނެތް ކަމަށެވެ.

ދެ އިންތިޚާބު އެއްކުރުމުގެ ވާހަކައިގެ ހުއްޖަތްތަކެއް އޮތީ، އެހެންނަމަވެސް ރެފަރެންޑަމްއެއް ގެންނަން ޖެހިގެން މި އުޅެނީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު އަންނާތީ، ރައްޔިތުންގެ މަޖިލީހުގެ އުމުރު ކުރު ކުރަންޖެހޭކަމަށް ބަޔާންކުރާ ހުއްޖަތްތަކެއް އެ ޤަރާރަކުން ނުފެނޭ
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް 

 ދެ އިންތިހާބު އެއްކޮށްލުމަށް
އާއްމު ވޯޓު ނެގުމަށް ނެރުނު ރިޔާސީ ޤަރާރު ބާތިލުކުރުމަށް އެމްޑީޕީން ސިވިލް
ކޯޓަށް ހުށަހެޅި މައްސަލައިގެ ފޯމު 5 ވަނަ ފަހަރަށް އިސްލާހުކޮށްފައި
ފޮނުވިފަހުން، މައްސަލަ ބަލައިގަނެވެން ނެތްކަމަށް ވަނީ އަންގާފައެވެ. އަދި ސަބަބަކަށް ބުނެފައި އޮތީ އެ މައްސަލަ ހައްލުކުރަން އެމްޑީޕީން
ކުރި ކަމެއް ބަޔާންކޮށްފައި ނެތުމެވެ.

 މައުރޫފް ވިދާޅުވީ މިއީ އޭގެ ކުރިން 4 ފަހަރު ފޯމު އިސްލާހުކުރަން އެންގިއިރު
ވެސް ކޯޓުން ނުދައްކާ ބަހަނާއެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއް ނެރުނީމަ، އޭގެ ޝަކުވާ ހިފައިގެން
ދާނެ އެއްވެސް މުއައްސަސާއެއް ނުވަތަ އެކަން ހައްލުކުރަން މަސައްކަތްކުރާނެ އެއްވެސް
ޤާނޫނީ ފުރުސަތެއް ނެތް ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.  

މީގެ އިތުރުން، އެމްޑީޕީން މައްސަލަ  ކޯޓަށް ހުށަހެޅުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް
ވަގުތު ބޭކާރުކޮށްލަން ކަމަށްވެސް މައުރޫފް ވިދާޅުވި އެވެ.