ސިނަމާލެ ބްރިޖްގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ލިބުނު މައުލޫމާތާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށްފައިވާ ކަަމަށް ފުލުހުން ބުނެފި އެވެ. 

ރާއްޖެއެމްވީ އަށް ފުލުހުން ބުނީ، ސިނަމާލެ ބްރިޖްގެ ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތާ ގުޅިގެން އެ ސަރަހައްދު ބަލައި ފާސްކޮށްފައިވާ ކަމަށާއި، ބައެއް ފަރާތްތަކުން އެ ތަން ބޭނުންކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.  އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ހިންގާފައިވާ ކަމުގެ އެއްވެސް ކަމެއް ފެނިފައިނުވާ ކަމަށެވެ. 

މިކަން ހުއްޓުވުމަށް ޓަކައި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މިފަދަ މައްސަލަތަކުގައި އިޖުތިމާއީ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެފަރާތްތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ހިމާޔަތްކުރުމަށް ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. 

މިފަދަ ކަންކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް އެކަން ރިޕޯޓު ކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިނަމާލެ ބްރިޖު ސަރަހައްދުގައި ބިދޭސީ ބައެއް މަސައްކަތްތެރިން ދަނީ ދިރިއުޅުމުންނެވެ. 

އެ ތާނގައި ނިދަން ބޭނުންކުރާ ތަންމައްޗާއި ބާލީހުގެ ގޮތުގައި ބޭނުންކުރާ ތަކެތި ހުއްޓެވެ. އަދި ބިދޭސީއެއް ބްރިޖްގެ އަރިމަތީގެ ހުސް ޖާގައެއްގައި  ނިދާފައި އޮތް ފޮޓޯއެއް އާއްމުވެފައިވާއިރު، މި ފޮޓޯއިން އެކަނި ވެސް މާލެސިޓީގައި ބައެއް ބިދޭސީ މަސައްކަތްތެރިން ދިރިއުޅެން ޖެހިފައިވާ ދަތި ހާލަތާއި، ބިދޭސީންގެ މައްސަލަ މި މުޖުތަމައުގައި ބޮޑުވެފައިވާ މިންވަރު ހާމަވާ ކަމަށް ހިޔާލު ފާޅު ކުރާ މީހުން ބުނެފައިވެ އެވެ.