ވ. ކެޔޮދޫ ކައިރިން ދަތުރުކުރި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި، އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑުން ފެށި ޚާއްސަ އޮޕަރޭޝަންގައި ގެއްލުނު ދެ މީހުން ހޯދުމަށް ވަރަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާނުލާ ކުރިއަށްދާ ކަަމަށެވެ.
މާރިޗު 20 ވަނަ ދުވަހުގެ ދަންވަރު 00:40 ހާއިރު ކެޔޮދޫގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 2 ނޯޓިކަލް މޭލު ބޭރުން ހިނގި މި ހާދިސާގައި ގެއްލުނު ދެ މީހުން ހޯދުމަށް ވައިގެ މަގުން 2,544 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ބަލާފަ އެވެ. އަދި ކަނޑުގެ ސަތަހައިން 269 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާއިރު، ކަނޑު އަޑިން (ޑައިވް ކޮށްގެން) 253,662.6 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ، މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް ރިޕޯޓު ކޮށްދިނުމަށް އެދޭ ކަަމަށެވެ.
މި ހާދިސާ ހިނގިއިރު އިނގިރޭސި ވިލާތާއި ރަޝިއާގެ ދެ އަންހެނުންނާއި އިންޑިއާގެ ފަސް މީހުންނާއެކު ޖުމްލަ ހަތް މީހުން ތިއްބެވެ. މި ހާދިސާގައި ގެއްލިފައިވަނީ އިންޑިއާގެ ދެ މީހުންނެވެ. ބާކީ ތިބި މީހުން ކަނޑުވެފައި ތިއްބާ ވަނީ ސަލާމަތްކޮށްފަ އެވެ. އަދި މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ވެސް ދީފައިވެ އެވެ.