އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ކުޅި ދައްކާލަން ވާނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސަޢީދު މިހެން ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ ހއ.ހޯރަފުށީ ދާއިރާގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ޖަލްްސާގައި ވާހަކަ ދައްކަވަމުންނެވެ. 

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކަމަށެވެ. އެގޮތުން ސަޢީދު ވިދާޅުވީ، ވެރިކަމުގެ ދެ ވަނަ ދައުރެއް ކާމިޔާބު ނުކޮށް، ޕީއެންސީ އިން ނަމަ ނަމަ ދޫ ދީގެން ނުވާނެ ކަމަށެވެ. 

އެއާ އެކު ސަޢީދު ވިދާޅުވީ، މިފަހަރު އެމްޑީޕީ އަށް ކުޅި ދައްކާލަން ވާނެ ކަމަށެވެ. އެގޮތުން ސަޢީދު ވިދާޅުވީ، ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވެރިކަމުގެ ދެ ވަނަ ދައުރެއް ކާމިޔާބު ކުރާ ޕާޓީ އަކަށް ވާނީ ޕީއެންސީ ކަމަށެވެ. މިއަދު ޕީއެންސީގައި އޮތީ އެކަމުގެ ތަޖުރިބާ އޮތް ޓީމު ކަމަށާއި، އެ ޓީމަކީ މީގެ ކުރިން ވެސް ދިވެހި ރާއްޖެ ތަރައްޤީ ކުރި ޓީމު ކަމަށް ސަޢީދު ވަނީ ވިދާޅުވެފަ އެވެ. 

މިފަހަރު ވާނެ ކުޅި ދައްކާލަން، އެމްޑީޕީ އަށް. ދެ ވަނަ ދައުރެއް ފުރަތަމަ ފަހަރަށް އިރާދަ ކުރެއްވިއްޔާ މި ރާއްޖޭގައި ކާމިޔާބު ކުރާނީ ތިޔަ ބޭފުޅުންގެ ޕާޓީ އިން، ޕީއެންސީ އިން. 
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު

އެ ޖަލްސާގައި ވެސް މިނިސްޓަރު ސަޢީދު ވަނީ ކުރީ ސަރުކާރުގެ ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ޤައުމު އޮތީ ދަރުވާލާފައި ކަމަށް ސަޢީދު ވިދާޅުވި އެވެ. ނަމަވެސް، އެއީ ކިހިނެއް ކަމެއް ސަޢީދު ވިދާޅުވެ ނުދެއްވަ އެވެ.

ރައީސް މުޢިއްޒުގެ ވެރިކަމަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، އެންމެ ގިނައިން ދައްކަވާ ވާހަކަ އަކީ ކުރީ ސަރުކާރުގެ ވާހަކަ އެވެ. އެ ވާހަކަ އެންމެ ގިނައިން ދައްކަވާ އެއް ބޭފުޅަކީ މިނިސްޓަރު ސަޢީދު އެވެ. އެގޮތުން ކޮންމެ ކަމެއްގައި ސަޢީދު ކުރީ ސަރުކާރު ބަހަނާ އަކަށް ދައްކާތީ، ގިނަ ބައެއްގެ ފާޑު ކިޔުން ވެސް ސަޢީދު އަށް އަމާޒުވެފައިވެ އެވެ.