ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް، އެ މީހާ ރަހީނުކުރި މައްސަލައަކާ ގުޅިގެން ބަންގްލަދޭޝްގެ ފަސް ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކު ރަހީނުކޮށްގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. މި މައްސަލަ ހުށަހެޅުމާއެކު، ރަހީނުކޮށްފައިވާ މީހާ ސަލާމަތްކުރުމަށް ފުލުހުން ވަނީ ވަގުތުން ހާއްސަ މަސައްކަތްތަކެއް ފަށާފަ އެވެ.

އެގޮތުން ފުލުހުން ކުރި މަސައްކަތުން، ރަހީނުކޮށްފައި ހުރި މީހާ ލޮކޭޓްކުރެވިފައި ވަނީ ވިލިމާލެ އިން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ އެ މީހާ ސަލާމަތްކުރުމަށްފަހު، ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފަ އެވެ. ފަރުވާއަށްފަހު އެ މީހާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުންނެވެ. އެއީ އެމްޑީ ހޮސައިން (30 އަހަރު)، އެމްޑީ މެހެދި ހަސަން (34 އަހަރު)، އެމްޑީ ޝާ އަލަމް (39 އަހަރު)، ސާފިފް ހަސަން (38 އަހަރު) އަދި ރަސަލް (20 އަހަރު) އެވެ.

މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަމާ ގުޅޭ އިތުރު ތަފްސީލުތައް ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން، ފަހަކަށް އައިސް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި މިފަދަ ކުށްތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.