ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބާ ޚިޔާލު ހޯދުމުގެ ވޯޓުގައި ވެސް ޕީއެންސީ އަށް ނޫނެކޭ ބުނުމަށްޓަކައި ރައްޔިތުން ވިސްނަންވީ އެންމެ ތިން ކަމާ މެދުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ރޭ އެމްޑީޕީ އިން ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި މި ގައުމަށް ފައިސާ ހޯދަން ދަތި ނޫން ކަމަށެވެ. އެގޮތުން އޭރު ލޯނު ވެސް ލިބޭ ކަމަށާއި، ހިލޭ އެހީއާއި އާމްދަނީ ވެސް ލިބޭ ކަމަށެވެ. ނަމަވެސް މިއަދު މިއޮތް ސަރުކާރަށް އެއިން އެއްވެސް ކަމެއް ނުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

ރައީސް ސޯލިހު ވިދާޅުވީ އެހެންކަމުން މި ސަރުކާރުން ކުރަމުންދާހާ ވެސް ކަމަކީ އާމްދަނީ ލިބޭ ސަރުކާރު ކުންފުނިތަކުގައި ހުރި ފައިސާ ނެގުން ކަމަށެވެ. 

ހަމައެކަނި ކުރައްވާ ކަމަކީ ސަރުކާރުގައި ހުރި އާމްދަނީ ލިބޭ ކުންފުނިތަކުގައި ހުރި ފައިސާ ނަގާ ހުސް ކުރަނީ. ދެން މި ބޭނުން ކުރަނީ ތިބޭފުޅުން ފަހަށް ރައްކާ ކުރަން ޕެންޝަން ފަންޑުގަ ހުރި ފައިސާ. އިއްޔެ އަޅުގަނޑާ ދިމާވި ބޭފުޅަކު ވިދާޅުވި ތިމަންނަގެ ޕެންޝަނަށް، ފަހަށް ރައްކުރާ ކުރާ ފައިސާ އށް، ތިމަންނަގެ މުސާރަ އިން އެބަ ކަނޑައޭ ބަރާބަރަށް. ސަރުކާރުން ލާންވާ ފައިސާ ނުލާތާ އެއް އަހަރު ވެއްޖެއޭ. އެއް އަހަރު ވެއްޖެ. އެތާހުރި ފައިސާ ބޭނުން ކުރާއިރު އަދި ރައްޔިތުންނަށް ސަރުކާރުންނަށް ސަރުކާރުން ދޭންވާ ފައިސާކޮޅު  ވެސް ނުދީ ހިފަހައްޓާ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 

ރައީސް ސޯލިހު ވިދާޅުވީ މިއަށް ވުރެ ވަކި ބޮޑު ޚިޔާނާތެެއް ނޯންނާނެ ކަމަށެވެ. އަދި އެއަށް ވުރެ ބޮޑު އޮޅުވާލުމަކީ ކޮބައިތޯ ވެސް އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ. އެހެންކަމުން މި ސަބަބަތަކަށްޓަކައި ވެސް އޭޕްރީލް 4 ވަނަ ދުވަހު މުޅި ޕީއެންސީ އަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަށް ނޫނެކޭ ބުނުމަށްޓަކައި ރައްޔިތުން ވިސްނަންވީ މުހިއްމު ތިން ކަމަކާ މެދުގައި ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ މި މިކަން ކުރަން މި ސަރުކާރުން އުޅޭ ގޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ގާނޫނު އަސާސީ އަށް އިސްލާހު ގެންނަނީ ގާނޫނު އަސާސީ އަކަށް އިސްލާހު ގެންނަން ޖެހޭ ގޮތަށް ނޫން ކަން ރައްޔިތުން ވެސް ގަބޫލު ކުރާ ކަމަށެވެ. އެގޮތުން އެ ބިލަށް ބަހުސް ކުރަން ވެސް މަޖިލީހުގައި ނެގީ ފަސް މިނެޓު ކަމަށާ ކޮމިޓީގައި ވެސް ޖުމްލަ ހޭދަކުރީ އެންމެ ދެ ގަޑިއިރު ކަމަށެވެ. 

ގާނޫނު އަސާސީ އެކުލަވާލުމުގައި އެ ޑްރާފްޓް ކޮމިޓީގައި އިންނެވި މެންބަރެއްގެ ހައިސިއްޔަތުން ގާނޫނު ތަކާ މާއްދާތައް އިސްލާހު ކުރިގޮތް އަދިވެސް ހަނދާނުގައި ހުރިކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ މިއަދު އެކަން ކުރީ ކީއްވެގެންތޯ ވެސް ހިތަށް އަރާވަޑައިގަންނަވާ ކަމަށެވެ. 

ދެވަނަ އަދި އެންމެ މުހިއްމު ކަމަކީ ރައްޔިތުންނަށް އޮތް ބަސް ބުނުމުގެ ބާރުގެ ފުރުސަތު ހަނި ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތް ހަނދާނުގައި ބެހެއްޓުން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ވީހާ ވެސް ފުޅާކޮށް އޮންނަން ޖެހޭ ކަމަށެވެ. އެ ނޫން ގޮތަކަށް ސަރުކާރެއް ޖަވާބުދާރީ ކުރުވާނީ ކިހިނެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވި އެވެ. 

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރަކާ އެއްކޮޅަށް މަޖިލީހަށް އަޣުލަބިއްޔަތު ދިނީމަ ވާގޮތް މިއަދު ފެންނަ ކަމަށާއި މިއަދު ފެންނަމުންދަނީ ރެޔާ ދުވާލު ނިޒާމުތައް ފުނޑުކޮށްލާ މަންޒަރާއި ބާރުތައް ޖަމާކުރަމުންދާ މަންޒަރު ކަމަށެވެ. އެހެންކަމުން ހަމައެކަނި މިސަރުކާރު ޖަވާބުދާރީ ކުރެވެން އޮތް ގޮތަކީ ރައްޔިތުންގެ އަތް މައްޗަށް މި އަރާ ކަރުދާސްކޮޅު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.  

ތިންވަނަ ކަމެއްގެ ގޮތުގައި ރައީސް ސޯލިހު ފާހަގަކުރެއްވީ އަބަދުވެސް ސަރުކާރަކަށް ލިބޭ ބާރުތަކުގެ ނާޖާއިޒް ފައިދާ މި ސަރުކާރުން ނަގަމުންދާ ގޮތެވެ. އެގޮތުން އެ ބާރުތައް ބޭނުންކޮށްގެން ބޭނުން ބަޔަކަށް ވަޒީފާ ދީ، ފައިސާ ބަހައި، ޕްރޮޖެކްޓްތައް އިއުލާނު ކޮށް ބިންގާ އަޅަމުންދާ ކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ. މިއަދު މި ފެންނަ ކަންކަމަށް ބަލައި މި ސަބަބުތަކަށްޓަކައި އެކަނިވެސް ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުން މިފަހަރު ނޫނެކޭ ބުނަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.