ނޫނެކޭ ކެމްޕެއިންގެ ތަފާތު ޑްރާމާތަކެއް ރާއްޖެޓީވީ އިން ގެނެސްދޭން ފަށައިފި އެވެ.

"އަހަރެން ގޮތް ނިންމައިފިން" މި ނަމުގައި މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ރާއްޖެޓީވީ އިން ދޫކޮށްލާފައިވާ ފުރަތަމަ ޑްރާމާ ކްލިޕަށް އާއްމުންގެ ހޫނު ތަރުޚީބެއް ދަނީ ލިބެމުންނެވެ. ތަފާތު އަދި ސަކަ ގޮތަކަށް ގެނެސްދީފައިވާ މި ޑްރާމާގެ ޒަރީއާ އިން ކުރިއަށް އޮތް ފެންނަ ނުފެންނަ އިންތިޚާބުގެ ވޯޓު ކަރުދާހާއި، ވޯޓާއި ގުޅޭ މެސެޖުތައް ވަނީ ހިއްސާކޮށްފަ އެވެ.

މި ޑްރާމާތަކުގެ މަގްސަދަކީ ކުރިއަށް އޮތް ފެންނަ ނުފެންނަ އިންތިޚާބަށް އާއްމުން ހޭލުންތެރިކުރުމާއި، ވީހާ ވެސް ގިނަ ބަޔަކު މި ވޯޓަށް ޝައުގުވެރި ކުރުވުމެވެ.

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާއި މެދު ނެގުމަށް ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ ސަބަބުތަކާއި އެކު ރާއްޖެޓީވީ އިން ދަނީ "ނޫނެކޭ ކެމްޕެއިން"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދަމުންނެވެ. އެ ޕްރޮގްރާމްގައި ޤާނޫނުއަސާސީ އެކުލަވާލުމުގައި ހަރަކާތްތެރިވި ޚާއްސަ މަޖިލީހުގެ މެމްބަރުންނާއި، ޤާނޫނީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކުން ދަނީ ބައިވެރިވެ އާއްމުންނާއި މައުލޫމާތު ހިއްސާކުރަމުންނެވެ.