ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގަތުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ޓީމަށް އެ ސިޓީގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ. 

ރައީސް ސޯލިހު އެސިޓީއަށް ވަޑައިގެންނެވީ ހުކުރު ދުވަހުގެ ހަވީރު އެވެ. މިދަތުރުފުޅުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އިތުރުން ގައުމީ މަޖިލީހުގެ މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި އެސިޓީގެ ކުދި ބޮޑު އަދި އުމުރުން ދުވަސްވީ އެތައް ބަޔަކު ބަނދަރު ސަރަހައްދަށް އެއްވެފައިވެ އެވެ. އެމަނިކުފާނާ ސަލާމް ކުރެއްވި އާންމުން ދިޔައީ ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުގައި ފުވައްމުލަކު ސިޓީއަށް އެމަނިކުފާނު ކޮށްދެއްވި ކަންތައްތައް ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. 

މީގެ އިތުރުން އެސިޓީގެ އެތައް ސަތޭކަ ރައްޔިތުންނާއި އެކު ސައިކަލު ބުރެއް ވަނީ ބާއްވާފައި އެވެ. ސައިކަލު ބުރަށް ފަހު ރައީސް ސޯލިހު ވަނީ ޖަގަހަ ހުޅުވުމުގެ ގޮތުން އެމްޑީޕީގެ ދިދަ ނަންގަވާފަ އެވެ. މީގެ އިތުރުން ކައުންސިލް އިންތިޚާބުގައި ވާދަކުރާ ފުވައްމުލަކު ސިޓީގެ އެމްޑީ ގެ ކެންޑިޑޭޓުންނާއި ލީޑް ޓީމާއި އެމަނިކުފާނު ބައްދަލު ކުރައްވާނެ އެވެ. އަދި ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ ޖަލްސާ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

ރައީސް ސޯލިޙް ގެ މި ދަތުރުފުޅުގައި އެމްޑީޕީ ގެ މެންބަރުންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އެރަށުގައި ކައުންސިލް އިންތިހާބަށް ޑޯ ޓު ޑޯ އަށް ކެންޑިޑޭޓުންނާއެކު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.