ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން ކަމަށް ޤާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިދާރާތަކާއި މުއައްސަސާތައް ޖަވާބުދާރީވުމުގެ ހުރިހާ ނިޒާމެއް މިހާރު ވަނީ ފެއިލްވެފައި ކަމަށެވެ. މިނިވަން މުއައްސަސާތައް ވެސް މިހާރު ފެއިލްވެފައި ވުމާއި އެކު ޖަވާބުދާރީކުރުވުމަށް ލިބޭ ހަމައެކަނި ފުރުސަތަކީ ރައްޔިތުންނަށް ލިބޭ ވޯޓުލުމުގެ ހައްގު ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އެ ފުރުސަތު ނަގާލަން ޖާގަ ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޒަމާނުގައި ކަންކަން ކުރަން ވާނީ ޑާޓާ އަށް ބިނާކޮށް ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މި ސަރުކާރުން ބުނާ 2.0 ގައި ކަންކަން ހިނގަނީ އެހެން ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު ވަކިން ބާއްވާތީ ލިބޭ ގެއްލުމަކީ ކޮބާތޯ އެނގޭ ޑާޓާ އެއް ނެތް ކަަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުންގެ އުދާސްތައް އަޑު އިވެނީ އިންތިޚާބުތަކާއި ދިމާކޮށް ކަމަށާއި ރައްޔިތުންނަށް ރަނގަޅު ވާނީ އިންތިޚާބުތައް އިތުރުވި ވަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ހަމަޖެހުން ޤާއިމްކުރުމަށާއި، އިންވެސްޓަރުން ގެނައުމަށް ދެ އިންތިޚާބު އެއްކޮށްލަން ޖެހޭ ކަމަށް ބުނާ ވާހަކައިގަ އަސާސެއް ނެތް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"ފެކްޓްސް ހުންނަން ޖެހޭ. ޑާޓާ ހުންނަން ޖެހޭ. ކިތައް ރައްޔިތުންތޯ ބުނީ ދެ އިންތިޚާބު އެއްކުރާށޭ. ކާކުތޯ އެކަމާއި ކަންބޮޑުވެގެން އުޅުނީ ކާކުތޯ؟ ރައްޔިތުން ދައްކަނީ ފެނާއި ނަރުދަމާގެ ކަންކަން ނުވާ ވާހަކަ. ކަންކަން ނުވެގެން ރައްޔިތުން ޝަކުވާ ކުރަނީ. އެކަން ވާނީ އިންތިޚާބުތައް ބޭއްވީމަ." އަލީ ހުސައިން ވިދާޅުވި އެވެ. 

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާއި އެއްކުރުމަކީ އެ އިންތިޚާބުގެ ވިސްނުން ގެއްލޭ ކަމެއް ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފަ އެވެ. އެއްވެސް އިންތިޚާބަކާއި ރިޔާސީ އިންތިޚާބަކާއި އެއްކުރުމަކީ ރިޔާސީ ނިޒާމްގެ ސިފަ އެއް ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.