ވިނަރެސް ކުރިމަތީގައި އޮންނަ ހުސް ބިން ޓިނު ޖަހާ ބަންދު ކޮށްފައި އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ވިނަރެސް ޓަވަރުގެ 1 އަކުން 4 ވަނަ ޓަވަރުގެ ކުރިމަތީގައި އޮންނަ ހުސް ބިން ބަންދުކޮށްފައިވަނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކުރިންނެވެ. އޭފަހުން 1447 ވަނަ އަހަރުގެ ރަމަޟާން މަސް ނިމުއިރު ވެސް މިސަރަހައްދު އޮތީ ގޮނޑަކަށް ދޫކޮށްލާފަ އެވެ.
މިހާރު މިސަރަހައްދު ގޮނޑަކަށް ބަދަލުވެފައިވާއިރު، މިތަނަށް ހަލާކުވެފައިހުރި ފަރުނީޗަރާއި، ގޮދަނޑި ކަހަލަ އެކި އާލަތްތައް އުކާލާފައި ހުރިކަން ފާހަގަކުރެވެ އެވެ. މީގެ އިތުރުން އެކި ޒާތުގައި ފުޅިތަކާއި، ދަޅުތައް ވެސް މިތަނަށް ވަނީ އުކާލާފަ އެވެ.

ވިނަރެސް ކުރިމަތީގައި އޮންނަ ހުސް ބިން. މިސަރަހައްދަށް އެކި ޒާތްޒާތުގެ ކުނިތައް އަޅާފައިވޭ.
ވިނަރެސްގެ ޓަވަރުތަކުގެ ކުރި މައްޗަށް އޮތް މި ބިމަކީ ހަވީރުގެ ވަގުތު މީހުން ނުކުމެ މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ޕާކެއްގެ ގޮތަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ބިމެއް ކަމަށް މައުލޫމާތު ލިބެ އެވެ.
މި ސަރަހައްދުގައި ގިނަ ބަޔަކު މިހާރު ދިރިއުޅެމުންދާއިރު، މިތަން މިހެން ބޭއްވުމަކީ ވިނަރެސްގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ކުޑަ ކުދިން ގޮވައިގެން ބޭރަށް ނުކުމެ މަޑުކޮށްލައިގެން ތިބެވޭ ގޮތަށް މި ބިން ޕާކެއްގެ ގޮތަށް ތަރައްގީ ކޮށްދިނުމަށް ވެސް ގިނަ ބަޔަކު އެދިފައިވެ އެވެ.
މި ބިން ބަންދު ކޮށްފައިވާ މައްސަލައާ ގުޅޭގޮތުން އެޗްޑީސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.