ކުރީގެ ރައީސް މުޙައްމަދު ނަޝީދު މީގެ ކުރިން ގެންގުޅުއްވި "އަނެއް ދިވެހިރާއްޖެ" ޝިއާރަށް ތާއީދުކުރައްވައި، ރާއްޖޭގެ މިހާރުގެ ހާލަތުން އަރައިގަތުމަށްޓަކައި އަނެއް ދިވެހިރާއްޖެ ހޯދަން މިސްރާބު ޖަހަންޖެހޭ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕަލް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި "ޗަ ގޯސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ، މިހާރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަބަބުން ގައުމުގެ ކަންކަން ހަލާކުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ހުންނެވި ރައީސަށް ރައްޔިތުންގެ ތާއީދު ހޯއްދަވައިގެން އިތުރަށް ކުރެއްވޭނެ ކަމެއް ނެތް ކަމަށާއި، ސަރުކާރުން މިހާރު ކުރަމުންދާ ހުރިހާ މަސައްކަތަކީ އެކަން ފޮރުވުމަށް ކުރާ މަސައްކަތްތަކެއް ކަމަށް ޔާމީން ވިދާޅުވި އެވެ. ރާއްޖޭގެ މަސްރަހު މިހާ ބަނަވެ، ކަންކަން ނާއުންމީދީ ހިސާބަކަށް ގޮސްފައިވާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮންމެ ރައީސަކު ދައްކަވާ ވާހަކަފުޅެއް ވެސް ސީރިއަސްކޮށް ނަގަން ޖެހޭނެކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، ރައީސް މުޢިއްޒު ހިނގަމުންދާ ހަނގުރާމަތަކާ ގުޅޭގޮތުން ޚާރިޖީ ސިޔާސަތު އިޢުލާނު ކުރެއްވުމުންވެސް އެކަން ވަރަށް ސީރިއަސްކޮށް ނެންގެވި ކަމަށެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޔާމީން ވިދާޅުވީ، ސިޔާސީ މަސްރަހުގައި ބަސް ވިދާޅުވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅެއް ހަނދާނަށް އަންނަ ކަމަށެވެ. އެއީ "އަނެއް ދިވެހިރާއްޖެ" ހޯދަންޖެހޭ ކަމަށް ވިދާޅުވި ވާހަކަފުޅު ކަމަށާއި، މިއަދު އަޅުގަނޑުމެންވެސް އެ މިސްރާބަށް ދާންޖެހިފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެހެންވީމާ، އަޅުގަނޑު ޚިޔާލަށް އަންނަނީ، އަޅުގަނޑުމެންގެ ތެރޭގައި ހަމަ އުޅުއްވާފައި، މިހާރުވެސް ބަސް ވިދާޅުވައި، އެހެންނަމަވެސް، ވަކި އޮންނައިން ހުންނެވި ރައީސެއް. ރައީސް ނަޝީދު ވިދާޅުވި ވާހަކައެއް. މިހާރު ތިމަންނަމެން އެބަޖެހޭ އަނެއް ދިވެހިރާއްޖެ ހޯދަން. އެހެންވީމާ، އަޅުގަނޑުމެން ވެސް އެބަޖެހޭ ދޮގެއްތޯ މިސްރާބު ޖަން އަނެއް ދިވެހިރާއްޖެ ހޯދަން. 
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ރައީސް ޔާމީން ވިދާޅުވީ، ކާބަފައިންނާއި ގާނޫނުތަކާއި ދުސްތޫރުގެ ތެރެއިން ގެނެސްދިން ނިޒާމު މިހާރު ނުހިނގާ ކަމަށެވެ. ނިޒާމު ނުހިނގަނީ ނިޒާމުގެ އުނިކަމަކުން ނޫން ކަމަށާއި، އެ ނިޒާމު ހިންގަން ތިބި މީހުންގެ ގާބިލުކަން ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީކުރުވުމުގެ މަގުތައް ބަންދުވެ، ހުރިހާ ތަނެއް "ވަންވޭ" ވެފައިވާ ކަމަށް ސިފަކުރައްވަމުން ޔާމީން ވިދާޅުވީ، މިހާރު އޮތީ ހަމައެކަނި "ދިމްޔާތަށް" (ރައީސް މުޢިއްޒުގެ އަމިއްލަ ގެކޮޅަށް) ދެވޭ މަގު އެކަނި ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށްވެސް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަކީ ރައްޔިތުންނަށް ތަސައްލީއެއް ލިބޭނެ ތަނެއް ނޫން ކަމަށާއި، އެ ނިޒާމު އޮތީ ކޮރަޕްޝަނަށްވުރެ ބޮޑަށް ފުނޑި، ހަލާކުވެފައި ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އިންސާފު ހޯދަން ދާނެ ތަނެއް މިހާރު ނެތް ކަމަށް ވިދާޅުވެ، ގައުމުގެ ހާލަތާމެދު އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.