ރަށްރަށުގެ ވެރިކަން އެ ރަށަކަށް ހޯދުމަށްޓަކައި އަނެއްކާވެސް ގޮތެއް ނިންމަން ޖެހިފައި އޮތް ވަގުތަކީ އެޕްރީލް 4 ވަނަ ދުވަސް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ ފައިސާ އިން ރިޝްވަތު ދިނުމުން ވޯޓު ގަތުން ނޫން ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނުކުރާ ކަމަށެވެ. އެޕްރީލް 4 ވަނަ ދުވަހު އެކަމަށް ޖަވާބު ދޭންޖެހޭ ކަމަށާއި، އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ވިސްނުންތެރިކަމާއެކީގައި ކަން ކުރަންޖެހޭ ކަމަށާއި، އެ ދުވަހު އޮތީ ވަރަށް މުހިންމު ވޯޓެއް ކަމަށެވެ. އަދި ރާއްޖެއަށް ގެނެސްފައިވާ ހެޔޮ ވެރިކަން އަނބުރާ ހޯދުމަށް ނަގާ ވޯޓަކަށް އެ ވޯޓު ވެގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރަށްރަށުގެ ވެރިކަން އެ ރަށަކަށް ހޯދުމަށްޓަކައި އަނެއްކާވެސް ގޮތެއް ނިންމަން ޖެހިފައި އޮތް ވަގުތު އައިސް ޖެހިފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތުތަކަށް އެ ދުވަހު ނޫނެކޭ ބުނަންވާނެ ކަމަށާއި، އެ ސިޔާސަތުތަކަށް ނޫނެކޭ ބުނުމަކީ، ލާމަރުކަޒީ ނިޒާމު އުފައްދައި، ދަމަހައްޓައި، އެކަން ކުރިއަރުވާ ފަރާތްތަކަށް ވޯޓުދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ރައްޔިތުން ދީފި. އައްޑޫ ސިޓީ އިންވެސް ދިން. ބޭނުމަކީ އޭރު ފެށިފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، ތިޔަބޭފުޅުން އެ ހުށަހެޅުއްވި މެނިފެސްޓޯއާ އެއްގޮތަށް، މިއީ އައްޑޫ ސިޓީ ތަރައްޤީކުރަން. އެހެންނަމަވެސް، އެ މަޖިލީހުގެ މެޖޯރިޓީ ބޭނުން ކުރައްވައިގެން ކުރައްވަމުން ގެންދަވާ ކަންތައްތަކަކީ، އަޅުގަނޑު މި ދެންނެވިހެން، ގާނޫނުގެ ވެރިކަން ނެތިކޮށްލުމާއި، ބާރުތައް ޖަމާކުރުމުގެ މަސައްކަތް. އެނޫން ހަމަ އެއްވެސް ކަމެއް ކުރައްވާ ތަނެއް ނުފެނޭ. ޚަރަދު ކުޑަކުރުމުގެ ނަމުގައޭ ކިޔާފައި، ދެ އިންތިޚާބު އެކޮށްލުމުގެ ވާހަކަ އެ ދައްކަވަނީ. ހަމައެކަނި އެ އިންތިޚާބާ ގުޅޭ ރިފަރަންޑަމާ ގުޅޭގޮތުން އެ ބޭފުޅުން ދައްކަވާ އެއް ވާހަކައަކީ، ޚަރަދު މާ ބޮޑޭ. ފަންސާސް މިލިއަން ރުފިޔާ އިތުރަށް ދާތީ އެކަން އެބަ ކުޑަކުރަންޖެހެއޭ. ސަރުކާރުގެ މުސާރަތަކަށް އެމްޑީޕީގެ ސަރުކާރުގައި ޚަރަދުކުރި ވަރާއި މިހާރު ޚަރަދުކުރާވަރު އެނގޭނެ. ހަމައެކަނި އެއަށް އެކަނި ތިޔަބޭފުޅުން ބައްލަވާ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެންމެ ފަހު އަހަރު ނިމިގެންދިޔައިރު ޚަރަދުކުރަމުން ދިޔައީ މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 900 މިލިއަން ރުފިޔާ ކަމަށެވެ. އެއަށްވުރެ ބޮޑެއްނުވާނެ ކަމަށާއި، އެހެންނަމަވެސް، މިއަދު އެ 1.2 ބިލިއަނަށްވުރެ މައްޗަށް އަރާ ކަމަށެވެ. އަދި މަހެއްގެ މައްޗަށް 400 މިލިއަން ރުފިޔާ އިތުރުކުރީ މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ޚަރަދުކުރާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ދައްކަނީ އަހަރެއްގެ މައްޗަށް 4.8 ބިލިއަން ރުފިޔާ ޚަރަދުކުރާ ވާހަކަ ކަމަށެވެ. އެއީ މުސާރަތަކަށް އެކަނި ކަމަށާއި، ޚަރަދު ކުޑަކުރާ ކަމަށް ވާނަމަ ކުރަންވީ އެކަން ކަމަށާއި، ގެންނަންވީ އެކަމަށް ބަދަލު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

ރައްޔިތުންނަށް ލިބިފައި އޮތް ޑިމޮކްރެޓިކް ބާރު، ބަސްބުނުމުގެ ބާރު ހުއްޓުވާލުމަށްޓަކައި، 50 މިލިއަން ރުފިޔާ ސަލާމަތްކުރަން އުޅެނީ. މިއީ މިއަދު އަޅުގަނޑުމެން ވިސްނަންވީ ކަމެއް. ދާ ކޮންމެ ދިމާކުން އަޅުގަނޑުމެންނަށް އަޑު މި އިވެނީ، ކޮންމެ ރަށަކުން އަޑު މި އިވެނީ، ވަޒީފާ ދޭނަން، ވަޒީފާ ދޭނަން، ވަޒީފާއެއް ދޭނަން. ކުންފުނިތަކުގެ ވަޒީފާތައް 15،000 އިން މައްޗަށް ހިނގައްޖެ. އަޅުގަނޑު ދިޔައިން މިދޭތެރެއިން މާފުށްޓަށް. މާފުށްޓަކީ ވަރަށް ބޮޑު އިޤްތިޞާދެއް އޮތް ތަނެއް. ގްރީން ޓެކްސްގެ ގޮތުގައި އެއް ރަށަކުން އެންމެ ގިނަ ފައިސާ ދައްކާ އެއް ރަށް އެއީ. ކުނި މެނޭޖް ނުކުރެވިގެން އެތަނުގައި މެއްސާ ހެދި ނޫޅެވޭ ވަރުވެއްޖެ. ވެމްކޯއިން ކުނި މެނޭޖް ކުރުމަށްޓަކައި އެތަނާ ހަވާލުވި ވާހަކަ ކައުންސިލްގެ ރައީސް އަޅުގަނޑު ގާތުގައި ވިދާޅުވި. ފަންސާސް މުވައްޒަފުން އޭރު ނަގައިފި. ތިމަންނަ ގޮސް އެ މަސައްކަތާ ހަވާލުވެހުރި، ބޭފުޅާ ކައިރީގައި ތިމަންނަ ބުނީމޭ ތި ކޮންއިރަކުންހެއްޔޭ މި ކުނިގޮނޑު ސާފުކުރަން ފަށަނީ؟ އޭނަ ބުންޏޯ، އަދި ނެތޭ ކުނި އެއްލާނެ މީހެއް. ފަންސާސް މީހުން އޭރު ނަގައިފި. ކުނިކޮޅެއް އެތަނުން ނަގާނެ މީހަކު ނެތޭ. އަދި އިތުރަށް، ފަންސާސް މީހުންނަށް ވަޒީފާ ދީގެންނޭ އެތަނުގެ މަސައްކަތްކުރެވެނީ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 

ހަމަ މިފަދައިން ކުޅުދުއްފުށި ސިޓީގެ މޭޔަރު ވެސް ވިދާޅުވީ، އެ ސިޓީގައި އޮންނަ ސްޓޭޑިއަމެއް ބަލަހައްޓަން މީހުން ނަގާފައި އޮތް ވާހަކަ ކަމަށާއި، ސްޓޭޑިއަމް ބަލަހައްޓަން މަސައްކަތު 1، ސުޕަވައިޒަރުންގެ ގޮތުގައި 4 މީހުން އަދި ޕޮލިޓިކަލް ޑައިރެކްޓަރުންގެ ގޮތުގައި 14 މީހުން ނަގާފައިވާ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އެއީ އެކަކު ކުރާ މަސައްކަތް ބަލަން ހަތަރު ސުޕަވައިޒަރުންނާއި، ސާދަ ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށާއި، މިއީ އިންތިހާބަށް މި ސަރުކާރުން ވަޒީފާ ދެމުންގެންދާގޮތް ކަމަށެވެ.