ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވަން ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަށް ޕީއެންސީ މެންބަރުން ވޯޓު ދެއްވި އިރު، ސަރުކާރުން ކުރަން އުޅޭކަމެއް އެ މެންބަރުންނަށް ވެސް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ޓީވީ އިން ފޮނުވި ނޫނެކޭ ކެމްޕެއިން ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވީ، އެޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ އެންމެ ފުރަތަމަ ސަބަބަކީ މި އިސްލާހު ފާސްވެގެން އައި ގޮތް ވެސް ގޯސްވުން ކަމުގަ އެވެ.

އެގޮތުން ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ނުކޮށް ގާނޫނުއަސާސީ އަށް މިފަދަ ބަދަލެއް ގެންނަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށް ޝަފީގު ތުހުމަތު ކުރެއްވި އެވެ. ޝަފީގު ވިދާޅުވީ މި ސަރުކާރުގެ ފަރާތުން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ލިބިވަޑައިގެންނެވި ކާމިޔާބީއާ އެކު ހުދުމުހުތާރުކަން އިސްކުރަމުން ދާ މަންޒަރު ކަމަށެވެ.

މި އިސްލާހު އައި ގޮތް ވެސް ގޯސް. އެކަށީގެންވާ ވަރަށް ރައްޔިތުންނަށް މި ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުދޭ. ސަރުކާރުން ކުރަން މި އުޅެނީ ކީއްކަމެއް ހަގީގަތުގަ ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނަށް ވެސް.. ރައްޔިތުން ކީއްކުރަންތޯ، ރައްޔިތުންގެ މަޖްލީހުގަ އެ ތިއްބެވި ވެރިކަންކުރާ ޕާޓީގެ މެމްބަރުނަށް ވެސް ހަގީގަތުގަ ނޭނގޭނެ މިއީ ކޮން ގޮތަކަށް ކިހިނެއް އަންނަ އެއްޗެއް ކަމެއް. ދެން އެބޭފުޅުން ވޯޓު ދެއްވައިގެން ފާސްކުރީ. އެހެންވީމަ އޮޅުވާލުމެއްގެ ތެރެއިން ކުރައްވާ ކަމެއް. މީގަ ވަރަށް ގޯސް ނިޔަތެއް އޮވެގެން ކުރަމުންދާ ކަމެއް މި ސަރުކާރު ފެށުނީއްސުރެ ވެސް.
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު

މި ސަރުކާރުން ވެރިކަމަށް އަންނަން ވެގެން ދެއްކެވި ވާހަކަ އާއި ރަައްޔިތުޔުންގެ މަޖްލިސް ހޯދަން ދެއްކެވި ވާހަކަ އާއި  އޭގެފަހުން އަމަލުކުރެއްވި ގޮތް  އަޅާކިޔާލީމަ މިސަރުކާރަކީ، ބަހާ އަމަލާ ދިމާނުވާ ސަރުކާރެއްކަން  ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާނެކަމަށް ޝަފީގް ވިދާޅުވި އެވެ.

އެހެން ކަމުން ނަގަން މިއުޅޭ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން މިސަރުކާރުން ދައްކަވާ ވާހަކަ އާއި އޭގެފަހުން މި އިންތިހާބު ކާމިޔާބުވެއްވެއްޖެ ނަމަ އަމަލުކުރައްވާނެ ގޮތާ އަޅާކިޔުއްވާ ލެއްވީމާ، މި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ކޮންމެ ފިކުރެއްގެ މީހަކު ވިޔަސް، ނޫނެކޭ ނޫން އެއްޗެއް ބުނަން ހިތައްނާރާނެ ކަމަށް ޝަފީގް ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ ސަރުކާރުން ކުރަމުންދާ ކަންކަން ބަލާލުމުން ރައްޔިތުންނަށް ސާފުކޮށް ފެންނާނީ ސަރުކާރުގެ ހަގީގީ ނިޔަތް ކަމަށެވެ. އެހެންކަމުން މި ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.