ރާއްޖޭގެ މާލީ ހާލަތު ގޯސްވިޔަ ނުދިނުމަށް، ޚަރަދުކުޑަ ކުރަން ސަރުކާރުގެ ޚާއްސަ ފިޔަވަޅުތަކެއް އަޅަން މަޝްވަރާ ކޮށްފި އެވެ.

މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާ ގޮތް ނުވެފަ އެވެ. އެހެންނަމަވެސް "އަދަދު" ނޫހަށް މައުލޫމާތު ދެމުން ސަރުކާރުގެ ބައެއް ފަރާތްތަކުން ވަނީ ޚަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅާ ކަމަށާއި އެ ފިޔަވަޅުތައް އާއްމު ނުކުރަނީ ކުރިއަށް އިންތިޚާބެއް އޮތުމުން ކަމަށެެވެ. 

ސަރުކާރުގެ އޮފިޝަލުން ވަނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނާޅާ ފަރުޖެހެން ނެތް ކަމަށް ފާހަގަކުރައްވާފަ އެވެ. އެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހާރިޖީ ވުޒާރާ ނޫން ވުޒާރާތަކުން ރާއްޖެއިން ބޭރަށް ދަތުރު ނުކުރުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ. 

މީގެ އިތުރުން ބޮޑެތި ހަފްލާތައް ނުބޭއްވުމާއި، އަތޮޅުތެރޭގެ ދަތުރުތައް މަދުކުރުމާއި، ޕްރޮޖެކްޓްތަކުގެ މުއްދަތު ދިގުދަންމާލުން ވެސް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ ނޫހުން ވަނީ ރިޕޯޓްކޮށްފަ އެވެ. ހަމައެހެންމެ ދައުލަތުގެ އޮފީސްތައް ހުޅުވާ ގަޑި މަދު ކުރުމާއި، މުސާރައިގެ ކުރިއެރުން ދިނުން މަޑު ޖައްސާލުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.

މި ކަމާއި މެދު ސަރުކާރުގެ ބަހެއް ލިބިފައި ނުވާ އިރު ސަރުކާރުން ދަނީ ރާއްޖޭގެ މާލީ ހާލަތު ގޯސް ނޫން ކަމަށް ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ރާއްޖޭގެ މާލިއްޔާ އަށް އިހުމާލުވަމުންދާ ކަމަށް ބުނެ އެތައް ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.