ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރު ގުނާ އުސޫލަށް ބަދަލު ގެނައުމަށް ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަކީ ސިއްރު ބިލެއްތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ސުވާލު ކުރައްވައިފި އެވެ.

ދާދިފަހުން ސްޕްރީމް ކޯޓަށް އައްޔަނުކުރި ފަނޑިޔާރު ޝަހީދު މިފަދައިން ސުވާލުކުރެއްވި އިރު، މި ބިލަކީ މަޖިލީހުން މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ފާސްކޮށް މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބިލެކެވެ.

ފަނޑިޔާރު ޝަހީދު މިފަދަ ސުވާލެއް ކުރެއްވީ، ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލާ ގުޅިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމައި، އެ ވޯޓު ބޭއްވުމަށް އަހާ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގަ އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ބޭއްވި މި ޝަރީއަތުގެ މަޖިލީހުގައި، ދާދިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެއްވި ޝަހީދު މި ސުވާލު އަމާޒުކުރެއްވީ މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު އަލްއުސްތާޛު އަލީ ހުސައިން އަށެވެ. 

މި ބިލަކީ ސިއްރު ބިލަކަށް ނުވަންޏާ، ރައްޔިތުންނަށް ފެންނަން ހުރި ބިލެއްގެ ވާހަކަ ހިމެނިފައިވާއިރު ކޮން ކަމެއްތޯ މީގައި ސިއްރުވެގެން މި އުޅެނީ، ކޮން ކަމެއްތޯ މީގައި ވަންހަނާ ވެގެން އުޅޭ ކަމަށް ހަގީގަތުގައި ތިޔަ ވިދާޅުވަނީ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު

ފަނޑިޔާރުގެ ސުވާލަށް އަލީ ހުސެއިން ނޫނެކޭ ވިދާޅުވުމުން، މި ބިލަކީ ސިއްރު އެއްޗަކަށް ނުވާއިރު، ވޯޓުގެ ސުވާލަކީ މަޖިލީހުގެ އުމުރުގެ ވާހަކަ ވަންހަނާވާ ސުވާލެއް ކަމަށް ބުނެވެނީ ކޮން ސަބަބަކާހުރެތޯ އިތުރަށް ސުވާލު ކުރައްވާފަ އެވެ.

ޖަވާބުގައި އަލީ ހުސައިން ވިދާޅުވީ، ވޯޓު ކަރުދާހުގައި އޮތް ސުވާލުގެ ސަބަބުން މަޖިލީހުގެ މިހާރު އޮތް ދައުރުން ހަ މަސް ދުވަސް އުނިވާކަން ރައްޔިތުންނަށް ސާފުނުވާ ކަމަށެވެ. އަދި މިހާރު ގާނޫނު އަސާސީގައި އޮތް ގޮތުން މަޖިލީހުގެ އުމުރަކީ ފަސް އަހަރު ކަމަށްވާއިރު، ކައުންސިލް އިންތިހާބާ އެކު މި ވޯޓު ނެގުމުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ސުވާލާގުޅިގެން  މައްސަލަ ކޯޓަށް ހުށަހެޅުއްވި ވަކީލު އިބްރާހިމް ޝިޔާމް ވިދާޅުވީ، ބިލުން ވާގޮތް ސާފުކުރުމަށް ރައްޔިތުން ކުރަންޖެހޭ ކަމަކީ ބިލު ކިޔުމުގެ އިތުރުން ހިސާބެއް ޖެހުން ކަމަށެވެ. އެއީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހަށް ހަމަވާނަމަ، އެ ދައުރުން އުނިވެގެންދާ މަސްތަކުގެ އަދަދު ހޯދުން ކަމަށެވެ. 

1 ޑިސެމްބަރު 2028 ގައި ދައުރު ހަމަވާ ގޮތަށް އޭގެ ކުރިއަށް މަޖްލިސް ވޯޓު ނަގަންޏާ، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރަށް މި ވާ ގޮތެއް ހޯދަން ރައްޔިތުންނަށް މި ޖެހެނީ ހިސާބެއް ހަދަން. ރައްޔިތުންނަށް ނުޖެހޭނެ އެ ބިލަށް ގޮސް، ބިލު ބަލައިގެން މި ވަނީ ކީއްތޯ ބަލާކަށެއް. ހިޔާލު ހޯދަން ޖެހޭ ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލެއް އަންނާތީ. ވޯޓު ލާން ދާއިރު ރައްޔިތުންނެއް ނުދާނެ ބިލު ހިފައިގެންނެއް. ވޯޓު ލާން ދާއިރު ވޯޓު ކަރުދާހުގައި ނޯންނާނެ އުނިވަނީ ކިހާ މިންވަރެއްކަމެއް. 
މައްސަލަ ހުށަހެޅުއްވި ވަކީލު އިބްރާހީމް ޝިޔާމް

ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި މަޖިލީހުގެ އުމުރު ބަޔާންކުރާ މާއްދާއަށް ބަދަލެއް ގެންނަނަމަ ރައްޔިތުންގެ ރުހުން ހޯދަން ޖެހޭނެ ކަމަށް އޮންނާތީ، އެކަން ރައްޔިތުންނަށް ހުށަހަޅާ ސުވާލުން ސާފުވާން ޖެހޭނެ އެވެ.

ވަކީލުންގެ މައިގަނޑު ބަހުސަކީ، ރައްޔިތުންގެ ގާތުގައި ސުވާލު ކުރާއިރު، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރުން ހަ މަސް ދުވަސް އުނިވެގެންދާ ކަން ސާފުކޮށް ބަޔާންކުރަން ޖެހޭނެ ކަމެވެ. އެހެންކަމުން، ހަމައެކަނި ބިލު އާންމުކޮށްފައި އޮތުމަކީ ވޯޓު ކަރުދާހުގައި އޮންނަ ސުވާލު އޮޅުންބޮޅުންވާ ގޮތަށް އޮތުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށް ވަކީލުން ވަނީ ޝަރީއަތުގެ މަޖިލީހުގައި ފާހަގަކުރައްވާފަ އެވެ.