ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑިއަރީ ކުންފުންޏަކުން ވިލިމާލޭ ގައި އިމަރާތްކުރާ 300 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އަޅައިފި އެވެ. . 

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އިން ވިލިމާލޭގައި ހިންގާ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރޫސީސީ) އާ އެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 17 ފަންގިފިލާގެ 3  ޓަވަރެވެ. 

މި ޓަވަރުތައް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާ އިން ކުއްޔަކާ ނުލައި ދީފައިވާ ބިމެއްގަ އެވެ. މި މަޝްރޫޢުގެ މަސައްކަތް ނިންމައިލެވޭނީ 2028 ވަނަ އަހަރުގެ މެދުތެރޭގައި ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.

ބީއެމްއެލް އިން އުފައްދާފައިވާ ސަބްސިޑިއަރީ ކުންފުނިން ޖުމްލަ 3260 ހައުސިންގ ޔުނިޓް ޤާއިމްކުރުމަށް ނިންމާފައިވެ އެވެ.

ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެ އާއި ހުޅުމާލޭގެ ދެ ފިޔަވަހީގަ އެވެ. ވިލިމާލޭގައި 300 ހައުސިންގ ޔުނިޓް އަދި ހުޅުމާލޭގެ ފޭސް އެކާއި ފޭސް ދޭގައި 2700 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވެ އެވެ.

 ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ އަކީ ރާއްޖޭގައި އެފޯޑަބަލް ހައުސިންގ ޙައްލުތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި ބޭންކް އޮފް މޯލްޑިވްސްއި ން އުފައްދާފައިވާ ކުންފުންޏެކެވެ.