ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ޖަލްސާ އެއްގައި އެ މެނިފެސްޓޯ ލޯންޗްކޮށްދެއްވާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އެ މެނިފެސްޓޯ ލޯންޗްކުރުމަށް ފަހު، އެ މެނިފެސްޓޯގެ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަން އެއް އައްޑޫގެ މޭޔަރ އަދި އެމްޑީޕީގެ މޭޔަރ ކެނޑިޑޭޓް އަލީ ނިޒާރު އަދި ޑަބްލިއުޑީސީގެ ރައީސާކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ފާތުމަތު ހިޖުރާ ވަނީ ހުށަހަޅުއްވާދެއްވާފަ އެވެ.

އެ ޕްރެޒެންޓޭޝަންގައި ނިޒާރު ވިދާޅުވީ އައްޑޫގެ ކުރިއެރުން ގެނެވޭނީ އައްޑޫ ވަންތަ މިނިވަން ފިކުރާއި އެކުގައި ކަމަށެވެ. "އަފިރިންގެ އައްޑޫ" މެނިފެސްޓޯ އެކުލަވާލާފައި ވަނީ އެ ކަންކަމަށް ބަލައިގެން ކަމަށް ނިޒާރު ވިދާޅުވި އެވެ. އެ މެނިފެސްޓޯގައި ބަދަހި، ނޫ ފަހި އައްޑޫ އެއް ގެނައުމުގެ ތަސައްވުރާއި އެކު ގިނަ ކަންތައްތަކެއް އެކުލަވާލާފައިވާ ކަމަށް ނިޒާރު ވަނީ ވިދާޅުވެފަ އެވެ. އަދި  އެ ތަސައްވުރުގައި ހުވަފެނީ ވާހަކަތަކެއް ގެނެސްފައި ނުވާނެ ކަމަށާއި އެ މެނިފެސްޓޯގައި ހިމަނާފައި ވާނީ ހާސިލް ކުރެވޭނެ ކަންކަން ކަމަށް ވެސް ނިޒާރު ވަނީ ވިދާޅުވެފަ އެވެ. އަދި އުފެއްދުންތެރި، ބަދަހި، ނޫފަހި އައްޑޫ އަކަށް ބޭނުންވާ ކަންކަން އެ މެނިފެސްޓޯގައި ހިމަނާފައިވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

"މިނިވަން އިގްތިސާދެއް ގެނައުމަށް މަސައްކަތް ކުރުމަށް ހިމަނާފައި ވާނީ. އައްޑޫ އަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ހިފެހެއްޓެނެވި އިގްތިސާދެއް ނެތުން ކަމަށް. އައްޑޫ ފެހިކުރުމާއި ކަނޑުގެ ހުރިހާ މަންފާ އެއް ހޯދަން ޖެހޭ. އައްޑޫ އަކީ ހިޔާ ބޮޑު އުޅެން ހިތްފަސޭހަ ތަނަކަށް ހެދުމަށް މި މެނިފެސްޓޯގައި ވަނީ ނިންމާފަ." ނިޒާރު ވިދާޅުވި އެވެ.

މީގެ އިތުރުން، އެ މެނިފެސްޓޯ އެކުލަވާލުމުގައި ޒަމާނީ ސިޓީތައް ތަރައްޤީ ކުރުމުގައި ބޭނުން ކުރާ ފޯމިއުލާތަކަށް ބަލާފައިވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

 އެ ޖަލްސާގައި ވާހަކަދައްކަވަމުން ހިޖުރާ ވިދާޅުވީ މަދަނީ ކަންކަމުގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އެ މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ. އެހެންކަމުން ޒުވާނުންނަށް ކައުންސިލްގެ ނިންމުންތަކުގައި ބަސް ބުނެވޭނެ ގޮތް ހެދުމަށް އިސްކަން ދީފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެނުއަލް ޔޫތް ފޯރަމް އެއް ބޭއްވުމަށް ނިންމާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ވެސް އެ މެނިފެސްޓޯގައި ހިމަނާފައިވާ މުހިންމު ކަންކަމަށް އޭނާ ވަނީ އަލިއަޅުވާލައްވާފަ އެވެ.

އެ މެނިފެސްޓޯގައި ހިމެނޭ އިތުރު ކަންކަމަށް ބަލާ އިރު، މަގުތަކާއި ގުޅުން ހުރި ކަންކަމާއި، ސިޓީގެ އަވަށްޓަކުގައި ޖިމް ރަނގަަޅަށް ހިންގުމާއި، ސިންތެޓިކް ދުވާ ޓްރެކް އެއް އެޅުމާއި ކުޅިވަރާއި އިގްތިސާދާއި ގުޅުވުމަށް މަސައްކަތް ކުރުމަށާއި، އެ ނޫން ވެސް އާއްމުންނަށް ބޭނުންވާ ގިނަ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ.