ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި އައްޑޫގެ ބައެއް ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުންނާއި، އެ ދާއިރާތަކުގެ ކެމްޕެއިން ޓީމާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މިހާރު އެ މަނިކުފާނު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ސ. ހުޅުދޫ އަދި ސ. މީދޫ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ރައީސް ސޯލިހު ވަނީ ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫގެ ކެމްޕެއިން ޓީމާއި ބައްދަލުކުރައްވާފަ އެވެ. ރައީސް ސޯލިހު އާއި އެކު ބޭއްވި ބައްދަލުވުމުގައި ކެނޑިޑޭޓުންނަށް ހިތްވަރު ދެއްވުމުގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގެ މުހިންމު ކަމަށް ރައީސް ސޯލިހު އަލިއަޅުވައިލެއްވި އެވެ. އަދި ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކުން ވަނީ އެމްޑީޕީގެ ޓީމްތައް އޮތީ ގަދަކޮށް އެކުގައި ނުކުމެ އިންތިޚާބު ކާމިޔާބުުރަން ތައްޔާރަށްކަން ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާއި މެދު އާއްމުންނަށް ފެންނަ ގޮތެއް ބެލުމަށް ނަގާ ރެފަރެންޑަމްގައި އިންތިޚާބުތައް އެއްކޮށްލުމަށް ނޫނެކޭ ބުނުމަށް ކުރިއަށް ގެންދާ "ނޫނެކޭ ކެމްޕެއިން"ގެ މައުލޫމާތު ވެސް ރައީސް ސޯލިހު ވަނީ ހޯއްދަވާފަ އެވެ.
ބުދަ ދުވަހު ރައީސް ސޯލިހު ވަނީ ހުޅުދޫ އަދި މީދޫ އަށް ވެސް ވަޑައިގެން އެ ރަށުގެ އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ދާ ގޮތް ވެސް ބައްލަވާލައްވާފަ އެވެ. އަދި އެ ދެ ރަށުން ރައީސް ސޯލިހު އަށް ހޫނު މަރުޚަބާ އެއް ވަނީ ކިޔާފަ އެވެ.