ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅުގެ ވާހަކަ އާއި، އެމަނިކުފާނަށް ކުރުނީސްކުރުން ފިޔަވައި، ހުޅުދޫގެ ތަރައްޤީއަށްޓަކައި އެ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ބަހެއް ވިދާޅުވާ އަޑު ނީވޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް މިހެން ވިދާޅުވީ އެމްޑީޕީން އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބޭއްވި "އުންމީދެއްގައި" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާންދާއިރު، ލާމަރުކަޒީ ނިޒާމުން ރަށްތައް ހިންގުމަށް ގަބޫލުނުކުރާ ޕާޓީއެއްގެ ބަޔަކު ހޮވަންޖެހޭތޯ ސުވާލު އުފެދޭ ކަމަށެވެ. ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ބާރަށް ގޮވަމުންދާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވެސް އެ ބޭފުޅުން ރަށްރަށަށް ގޮސް އޭރުގެ ސަރުކާރު ކަމުނުދާ ކަމަށް ބުނެ، ރައްޔިތުންގެ ވޯޓުން އާ ސަރުކާރެއް އެކުލަވައިލުމުގެ ފުރުޞަތު ހޯދިކަން މީކާއިލް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މީކާއިލް ވިދާޅުވީ، ސަރުކާރު ބަދަލުވިތާ ހަ މަސް ފަހުން އަނެއްކާވެސް ރަށްރަށަށް އައިސް، މަޖިލީހުގެ މެޖޯރިޓީ ނެތި ސަރުކާރު ނުހިންގޭނެ ކަމަށާއި، ބްރިޖާއި މަގުތަކުގެ މަޝްރޫޢުތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ރައްޔިތުންނަށް ބިރުދެއްކި ކަމަށެވެ. އެއާއެކު، ރައްޔިތުން އެ ބޭފުޅުން ބޭނުންވި މަންދޫބުންނާއި މަޖިލީހުގެ މެޖޯރިޓީ ދިނުމުން ވެސް، ހުޅުދޫ އާއި މީދޫގެ އިތުރުން މުޅި އައްޑު އަތޮޅަށް ވެސް އައި އެއްވެސް ބަދަލެއް ނެތް ކަމަށާއި، އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަ ވެސް، ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން އަޅުގަނޑު ދެރަ ވެސް ވޭ، ދާދި ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އަޅުގަނޑު ނިސްބަތްވާ މުއައްސަސާއަކަށް ނިސްބަތްކޮށް، އެހެން ބުނަންޖެހުނީމާ ދެރަ ވެސް ވޭ. އެހެންނަމަވެސް، އަޅުގަނޑު ބުނިން އަޅުގަނޑު ދެންނެވިން، މިއީ ގަމާރުންގެ މަޖިލީހެކޭ. ހަމަ ޙަޤީޤަތުގައި ވެސް މިއީ ގަމާރުންގެ މަޖިލީހެކޭ. އެއީ އަމިއްލަ ފިޔަ އަމިއްލައަށް ކޮށާލައިގެން ކުޑަކުޑަ ކޮށްޓަކަށް ވަދެ ތިބި ބައެއް މިނޫނިއްޔާ ނެތޭ. ދެރަ ކަމަކީ އެ ވިދާޅުވާ ރައްޔިތުންގެ މަޖިލީހުގައި މި ހުޅުދޫއަށް ނިސްބަތްވާ މަންދޫބެއް ވެސް އެބަ އިންނަވާ. އެހެންނަމަވެސް، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅާއި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ކުރުނީސްކުރުން ފިޔަވައި، މި ހުޅުދޫއަށް ޓަކައި ކުރައްވާ ވަކާލާތެއް، މި ހުޅުދޫއަށް ޓަކައި ބުނާ ބަހެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އަޅުގަނޑުމެންނަކަށް ނީވޭ. 
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި ރައްޔިތުން ނިންމަންވީ އަނެއްކާވެސް "މަންމަނު، ބީރު އަދި ކަނުވެފައި އޮތް" މަޖިލީހެއް ފަދަ ކައުންސިލެއް ހޮވަންތޯ ނުވަތަ ނޫންތޯ ކަމަށެވެ. ހުޅުދޫގެ ކަންކަން ނިންމަންވާނީ އެ ރަށުގެ ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަކުން ކަމަށާއި، އެއީ "ދިމްޔަތުން" ނިންމާ ގޮތަކަށް ވާންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.