ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު
އިބާރާތް ކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށް އެދި
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފި އެވެ.

ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް ވާހަކަ ދައްކަވަނީ
ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް ވާހަކަ ދައްކަވަނީ

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ
ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް އަދި އަލްއުސްތާޒު އައިކް އަހުމަދު އީސާ
އެވެ. މި މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.

ރެފަރެންޑަމް މައްސަލަ- ދައުލަތުގެ ވަކީލުން
ރެފަރެންޑަމް މައްސަލަ- ދައުލަތުގެ ވަކީލުން

މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ
ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.

މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އުއްތަމަފަނޑިޔާރު
ވިދާޅުވީ، މައްސަލަ ހުށަހަޅާ ފަރާތުގެ ގޮތުގައި އެމްޑީޕީން މި މައްސަލައިގައި
ބައިވެރިވުމުގެ ހުއްދައަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް
ވަގުތު ކުޑަތަންވެފައިވާތީ އެކަމާ އަދި ވަކި ގޮތެއް ނިންމާފައިނުވާނެ ކަމަށެވެ.
އެއަށްފަހު މައްސަލަ ހުށަހެޅުމަށް ވަކީލުންނަށް ފުރުސަތު ދެއްވި އެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ވަކީލު ޝިޔާމް ވިދާޅުވީ،
މިއީ ޤައުމީ އާންމު މަސްލަހަތާ ގުޅިފައިވާ މައްސަލައެއް ކަމަށާއި، މި މައްސަލައިގެ
ސުވާލަކީ ޤާނޫނުއަސާސީއަށް ގެނެވޭ ޙަޤީޤީ ބަދަލުތައް ވަންހަނާވާ ގޮތަށް ބިނާކޮށްފައިވާ
ސުވާލެއްކަމަށެވެ.

މި ސުވާލު ފަރުމާ ކޮށްފައިވާ ގޮތުން އެ ބިލުން ގެންނަ ބަދަލުތައް ރައްޔިތުންނަށް ދައްކައިދެނީ ދެކަމެއް، ފުރަތަމަ ކަމަކަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވާކަން، ދެވަނަ ކަމަކަށް އެ ބިލުން ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރާކަން، މި ތަފްސީލުތައް ދިނުމަށްފަހު ކުރާ ސުވާލަކީ މި ބިލު ރައީސް ތަސްދީޤު ކުރައްވަން ފެނޭހޭ، ސުވާލު ފަރުމާ ކޮށްފައިވަނީ ބިލު ގެންނަ ހަގީގަތްތައް ރައްޔިތުންނަށް އޮޅޭގޮތަށް، އަދި ޤާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ޚިލާފަށް.
ވަކީލު އިބްރާހިމް ޝިޔާމް
ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް ވާހަކަ ދައްކަވަނީ
ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް ވާހަކަ ދައްކަވަނީ

ޝިޔާމް ވިދާޅުވީ، ރައީސްގެ ޤަރާރާއި އިލެކްޝަންސް
ކޮމިޝަނުގެ އިއުލާނުގައި ސުވާލު ބައްޓަން ކޮށްފައިވަނީ ޤާނޫނުއަސާސީގެ 262 ވަނަ
މާއްދާއާ ޚިލާފަށް ކަމަށެވެ. އަދި ވިދާޅުވީ، ހަގީގަތުގައި ސުވާލު ކުރަންޖެހޭނީ
މަޖިލީހުގެ ދައުރު ކުރުކުރަން ރައްޔިތުން އެއްބަސްވޭތޯ ނުވަތަ ނޫންތޯ ކަމަށެވެ.

އެހެންކަމުން ހުށަހެޅިފައިވާ މި މައްސަލައިގައި
އެދިފައިވަނީ މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ
އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ ސުވާލުގެ މައްޗަށް
ބިނާކޮށް އެޕްރީލް 4، 2026 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ހިޔާލު
ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ޖަވާބު
ދީފައިވަނީ ދައުލަތުގެ ވަކީލު، އެސިސްޓެންޓް ޗީފް ކައުންސިލް ހައްވާ ސަނާ އެވެ.  

ވަކީލު ވިދާޅުވީ، ރައީސްގެ ޤަރާރުގައިވާ ސުވާލު ފަރުމާކޮށްފައިވަނީ
ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ދައުލަތުން ނުދެކޭކަމަށެވެ. އެގޮތުން 262 ވަނަ
މާއްދާގެ (ށ) އާ ޚިލާފުވިކަމަށް ބެލެވޭނީ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމެއްނެތި
ރައީސް އެ ބިލެއް ތަސްދީޤު ކުރައްވާ ޙާލަތުގައި ނުވަތަ އަޣުލަބިއްޔަތު ނުލިބޭ ޙާލަތުގައިވެސް
ރައީސް އެ ބިލެއް ތަސްދީޤު ކުރައްވާ ޙާލަތުގައި ކަމަށް ވަކީލު ވިދާޅުވި އެވެ.

އެހެންކަމުން ސުވާލުގައި އޮތް އިބާރަތް 262 ވަނަ
މާއްދާގެ (ށ) އާ ޚިލާފުކަމަށް ބުނަމުންދަނީ އެއްވެސް ޤާނޫނީ އަސާސެއް
ނެތިކަމަށްވެސް ވަކީލު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މައްސަލަ ހުށަހެޅި ފަރާތުން
އެ މާއްދާ މާނަކުރަމުންދަނީ ރަނގަޅަކަށް ނޫން ކަމަށެވެ.

ވަކީލު އިތުރަށް ވިދާޅުވީ، 262 ވަނަ މާއްދާގައި
"ޤާނޫނުއަސާސީއަށް އިޞްލާޙުގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ބިލެއް ޤާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެބިލެއްތަޞްދީޤުކުރުމުން" ކަމަށް އޮތުމުން އޭގެން ދޭހަވަނީ އެ މުޅި ބިލަށް
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެކަން ކަމަށެވެ. އަދި ވިދާޅުވީ،
ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލަކީ އޭގެ ޒާތުގައި ގުޅި
ލާމެހިފައިވާ ޤާނޫނީ އުސޫލުތަކެއް ހިމެނިފައިވާ ބިލެއް ކަމަށެވެ.

ރެފަރެންޑަމް މައްސަލަ- ދައުލަތުގެ ވަކީލުން

ރެފަރެންޑަމް މައްސަލަ- ދައުލަތުގެ ވަކީލުން

ވަކީލު ވިދާޅުވީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ
(ށ) އަކީ ސުވާލުގެ އިބާރަތް އޮންނަންވާ ގޮތާއި ސުވާލު ފަރުމާކުރަންޖެހޭ ގޮތާއި
ގުޅޭ އިޖުރާއަތު ބަޔާންކުރާ މާއްދާއެއް ނޫން ކަމަށާއި، މައްސަލަ ހުށަހެޅި ފަރާތުން
ހަވާލާދީފައި އޮތީ އެ މާއްދާއަށް ކަމަށެވެ. އަދި ވިދާޅުވީ، ސުވާލު ބައްޓަންކުރަން
ޖެހޭ ގޮތާއި އެކަމާ ގުޅޭ އިޖުރާއަތު ބަޔާންވެގެން ވަނީ ފެންނަ ނުފެންނަ ވޯޓު
ނެގުމާ ގުޅޭ ޤާނޫނުގައި ކަމަށެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ
ދައްކަވަމުން ސީނިއަރ ސްޓޭޓް އެޓަރނީ ޖޫދް މުޙައްމަދު ވަހީދު ވިދާޅުވީ، މި
މައްސަލައިގެ ތަރަހަ ކަނޑައެޅިފައިވަނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާ
ސުވާލު ޚިލާފުކަމަށް ބުނާ ބުނުމުގެ މައްޗަށް ކަމަށެވެ. ނަމަވެސް އެ މާއްދާގައި ބަޔާންކޮށްފައިވާ
އިބާރާތުންވެސް ސާފުވާ ކަމަކީ އެ މާއްދާއަކީ ވަކި ޙައްސާސް ކަންކަމަކާ ގުޅިގެން
ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙުތަކަކާ ގުޅިގެން އަމަލުކުރަންޖެހޭ ގޮތުގެ
މައްޗަށް ބިނާވާ މާއްދާއެއްކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެ
މާއްދާގެ މަޤްސަދާ ސުވާލު ޚިލާފުވާކަމަށް ބުނުމަކީ ދުސްތޫރީ މައްސަލައެއް ނޫން
ކަމަށެވެ.

ވަކީލު ވިދާޅުވީ، ރައީސްގެ ޤަރާރުގައިވާ ސުވާލު
ގޯސްވެފައި، މައްސަލަ ހުށަހެޅި ފަރާތުން ސުވާލު އޮންނަންވާ ގޮތްކަމަށް ބުނެ ހުށަހަޅާފައިވާ
ސުވާލު ރަނގަޅުވާ ގޮތެއް ބުނެދޭންވާނެ ކަމަށެވެ.

ދައުލަތުގެ ނުކުތާތަކަށް ޖަވާބު ދިނުމަށް ލިބުނު
ފުރުސަތުގައި ވަކީލު އަލީ ހުސައިން ވިދާޅުވީ، މި ހުށަހެޅިފައިވާ އިސްލާޙަކީ
ހަމައެކަނި 20 ވަނަ މަޖިލީހުގެ ދައުރުގެ ތެރެއިން 6 މަސް އުނިވެގެންދާ އިސްލާޙެއް
ކަމަށާއި، މި އިސްލާޙު ގެނައި ނަމަވެސް ޤާނޫނުގައި ބުނާ މަޖިލީހުގެ މެމްބަރުންގެ
އުމުރު އޮންނަނީ ހަމަ 5 އަހަރުގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން ރެފަރެންޑަމްގައި ކުރެވޭ ސުވާލުގައި
އެކަންކަން ރައްޔިތުންނަށް ސާފުކޮށް އެނގެން އޮންނަންވާނެކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
އަދި ވިދާޅުވީ، ސުވާލު ފަރުމާކޮށްފައިވަނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ
މަޤްސަދާ ޚިލާފުވާ ގޮތަށް ކަމަށެވެ.

އެއަށްފަހު މި މައްސަލައިގައި ފަނޑިޔާރުން ސާފު
ކުރައްވަން ބޭނުންވާ ކަންކަން ވަނީ ސާފު ކުރައްވާފައެވެ. ސުޕްރީމް ކޯޓުގައި މި
މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ
ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު
އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު އެވެ.

އެ ކޯޓަށް ދާދި ފަހުން އައްޔަނު ކުރެވުނު ފަނޑިޔާރު
ޝަހީދު ވަނީ މި ބިލަކީ ސިއްރު ބިލަކަށް ނުވާއިރު، ވޯޓުގެ ސުވާލަކީ މަޖިލީހުގެ
އުމުރުގެ ވާހަކަ ވަންހަނާވާ ސުވާލެއްކަމަށް ބުނެވެނީ ކޮން ސަބަބަކާހުރެތޯ ސުވާލު
ކުރައްވާފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ވަކީލު އަލީ ހުސައިން
ވިދާޅުވީ، މި ސުވާލުގެ ސަބަބުން މަޖިލީހުގެ މިހާރު އޮތް ދައުރުން 6 މަސް އުނިވާކަން
ރައްޔިތުންނަށް ސާފެއް ނުވާ ކަމަށާއި، މިހާރު ޤާނޫނުގައި އޮތްގޮތުން މަޖިލީހުގެ އުމުރަކީ
އަދިވެސް 5 އަހަރު ކަމަށެވެ. އަދި ވިދާޅުވީ، ކައުންސިލް އިންތިޚާބާއެކު މި ވޯޓު
ނެގުމުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަކީ ސިޔާސީ އިންތިޚާބެއް، އެއާ މި އެއްކުރަނީ ދުސްތޫރީ އިންތިޚާބެއް، މިއީ ދެ ޖިންސުގެ ދެ އިންތިޚާބު، އޭގެ ޒާތުގައި ރެފަރެންޑަމްއަކީ ސިޔާސީ އިންތިޚާބެއް ނޫން، މިއީ އަހަން ނުޖެހޭ ކަމެއް، އަހަން ނުޖެހޭ ސުވާލެއް މި ދަނޑިވަޅުގައި.
ވަކީލު އަލީ ހުސައިން

މި މައްސަލައިގައި ފަނޑިޔާރުން ސާފު ކުރައްވަން
ބޭނުންވާ އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.