ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ދޮގު އެއީ ވައުދު ކަމަށް ދިވެހި ތާރީޚުގައި އާއި ދިވެހި ރަދީފުގެ ލިޔަންޖެހިފައިވާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި އައްޑޫ ހުޅުދޫ-މީދޫ "އުންމީދެއްގައި" ޖަލްސާގައި ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި ވެސް ހުންނެވާ ގަފޫރު ވިދާޅުވީ، މިސަރުކާރާއެކު ދޮގު އެއީ ވައުދަކަށް ބަދަލުވެފައިވާ ކަމަށާއި، ދޮގާއި ތެދު މިހާރު ވަކި ނުކުރެވޭ ކަމަށެވެ.
ދޮގު އެއީ ވައުދު ކަމަށް މިހާރު ދިވެހި ތާރީޚުގައި އާއި ދިވެހި ރަދީފުގައި ލިޔަންޖެހިފައި ވާ ކަން ފާހަގަކުރައްވައި ގަފޫރު ވިދާޅުވީ، ގައުމެއްގެ ސިފަ ކަނޑުވާލުމަށް ފަހު، މިގައުމު ލޫޓުވަމުންދާ ކަމަށެވެ.
އެއީ މި ގައުމުގެ ހާލަތު މިއީ. ގައުމެއްގެ ސިފަ ކަނޑުވައިލާފައި ބަޔަކު މިތާ ލޫޓުވަމުންދާ މަންޒަރު އަޅުގަނޑުމެންނަށް މި ފެންނަނީ. ލަދު ހަޔާތުގެ ކަންފުޅެއް ނެތޭ. ރައްޔިތުންގެ ޓެކްސް ފައިސާ ނަގައި ބަހަމުން އެ ގެންދަނީ. ބިރެއް ހަޔާތެއް ނެތި މި އެއްޗެހިންތައް މަސައްކަތްކުރަމުން މި ގެންދަނީ. މި އިންސާނަކަށް ވީތީ އުޅެންޖެހޭނެ ގޮތްތޯ؟ ދެން ބުނާނެ އަޅުގަނޑު ވާހަކަދައްކާލެއް ހަޑީއޭ. ބަލަ! ތިޔަ ކުރާ ހަޑިހުތުރު، މުޑުދާރު އަމަލުތައް ހުއްޓުވަބަލަ. އޭރުންނޭ ރީތިކޮށް ވާހަކަދެއްކޭނީ. އޭރުން ވާހަކަދައްކާނެ ރީތިކޮށް. ރައްޔިތުންގެ ފައިސާ ފެށުނީއްސުރެ ވަގަށް ނޮޅައި ލޫޓުވައި ކަމުން ގެންދަންޏާ، ދެން އެ ބަޔަކާ ދޭތެރޭގައި ދިވެހި ރައްޔިތުން ރީތިކޮށް ވާހަކަދައްކަންޖެހޭނެ ހަމައަކާ އުސޫލެއް ނޯންނާނެ. އިންސާނުންގެ ބީދައިން ނެއްޓި މި ތިބީ ހައިވާނުންނަށް ބަދަލުވާ ދަރަޖައިގައި މި މީހުން މިހާރު މި ތިބީ.އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލް ގަފޫރު މޫސާ
މީގެ އިތުރުން ގަފޫރު ވަނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ.
ގަފޫރު ވިދާޅުވީ އައްޑޫގައި ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔައީ އެމްޑީޕީގެ ސަރުކާރުގައި ކަމަށާއި، މިސަރުކާރުގައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އަދި ރައްޔިތަކަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުން ވޯޓު ދޭން ނުޖެހޭ ކަމަށާއި، މިއަދު ދޫންޏަށް ވޯޓު ދޭން ޖެހޭ ކަމަށް ސަރުކާރުގެ ބޭފުޅުން ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ ކަމަށް ގަފޫރު ވިދާޅުވި އެވެ.