ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު
އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފިއެވެ.

ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ
ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ
ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް އަދި އަލްއުސްތާޒު އައިކް އަހުމަދު އީސާ
އެވެ. މި މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.

މި މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި އިލެކްޝަންސް
ކޮމިޝަނުގެ ވަކީލު ވިދާޅުވީ، އެ ކޮމިޝަނުން އިޖުރާއީ ނުކުތާއެއް ނަގަން ބޭނުންވާ
ކަމަށެވެ.

ވަކީލު ވިދާޅުވީ، މައްސަލައިގެ ސީޣާއާއި
މައްސަލައިގެ ތަފްސީލަށް ބަލާއިރު، މި މައްސަލަ ބިނާވެގެން ވަނީ ރައްޔިތުންގެ
ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށްޓަކައި ރައީސް ކުރައްވާފައިވާ ސުވާލު ފަރުމާ
ކޮށްފައިވާ ގޮތާއި ގުޅޭގޮތުން ކަމަށެވެ. އަދި މިކަމުގައި އީސީގެ ދައުރަށް ބަލާއިރު،
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން
ކޮމިޝަނަށް އާންމު ކުރެވޭނީ ޤަރާރުގައި އޮންނަ ސުވާލު އޮންނަ އިބާރާތުންކަމަށްވެސް
ވަކީލު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިހުތިޔާރުގައި ނެތްކަމެއް ސުވާލަށް ބަދަލު ގެނައުން ނުވަތަ ސުވާލު މާނަކޮށް ހެދުން އެއީ، އެހެންވީމާ ޤާނޫނުގައިވާ ގޮތުގެ މަތިން އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވާތީވެ، ޚަސްމެއްގެ ގޮތުގައި މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަން ހިމަނައިގެން ކުރިއަށްގެންދާން އަޅުގަނޑުމެންނަށް ނުފެނޭ.  
އިލެކްޝަންސް ކޮމިޝަނުގެ ވަކީލު

އެހިސާބުން އުއްތަމަފަނޑިޔާރު ވަނީ އިލެކްޝަންސްއާ
ގުޅޭ މައްސަލައެއް އެ ކޮމިޝަން ނުހިމަނައި ކުރިއަށް ގެންދިއުން ރަނގަޅުވާނެތޯ
ސުވާލު ކުރައްވާފައެވެ. އެ ސުވާލުގެ ޖަވާބުގައި ވަކީލު ވިދާޅުވީ، ޚަސްމެއްގެ
ގޮތުގައި ކޮމިޝަން ހިމަނައިގެން ކުރިއަށްގެންދިއުމަށް ނުފެންނަ ކަމަށާއި، ނަމަވެސް
ޖަވާބު ހުށަހެޅުމަށް ތައްޔާރުކަމަށެވެ.

ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ

ރެފަރެންޑަމް ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ

އެހެންވެ އުއްތަމަފަނޑިޔާރު ވަނީ މައްސަލަ
ނިންމާއިރު އިޖުރާއީ ނުކުތާއަށް ގޮތެއް ކަނޑައަޅުއްވާނެކަމަށް ވިދާޅުވެ، މައުޟޫއީ
ގޮތުން ކަމެއް ފާހަގަ ކުރަން އޮތްނަމަ އެކަމަށް ފުރުސަތު ދެއްވާފައެވެ.  

މި މައްސަލައިގެ މައުޟޫއާ ގުޅޭގޮތުން އީސީގެ ވަކީލު
ވިދާޅުވީ، ހިޔާލު ހޯދުމުގެ ޤާނޫނުގެ ދަށުން ކޮމިޝަނުން އިއުލާނުކޮށްފައިވާނީ
ރައީސް ނެރުއްވި ޤަރާރުގައިވާ ސުވާލު އޮތްގޮތަށް ކަމަށާއި، އީސީން އަމަލުކޮށްފައިވަނީ
ޤާނޫނާ އެއްގޮތަށްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެ ކޮމިޝަނުން އެދޭކަމަށެވެ.

ވަކީލު ވަނީ 4 އޭޕްރީލްގައި ކުރިއަށްގެންދާ
އިންތިޚާބާ ގުޅޭގޮތުން ކޮމިޝަނުން ކުރިއަށްގެންދާ ބައެއް މަސައްކަތްތަކަށްވެސް
އަލިއަޅުވާލައްވާފައެވެ.