ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަ ނުދެއްކުމަށް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޝަހީމް މިހެން ގޮވާލައްވާފައި މިވަނީ އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާ ދިނުމާއި ގުޅިގެން އީރާނުން ދެމުންދާ ރައްދު ހަމަލާތަކާއެކު އުފެދިފައިވާ ހަނގުރާމައާއެކު، އީރާނަށް ތާއީދުކޮށް ގިނަ ދިވެހީން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި މަޝްހޫރު ޝައިޚް އަހުމަދު ސަމީރު ސޯޝަލް މީޑިއާގައި އީރާނުގެ ދީނީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ލިޔުއްވި ރިޕޯޓަކާ ގުޅިގެން ތަފާތު މަޒުހަބުތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާ ގައި އާއްމުންގެ މެދުގައި ވަނީ ބޮޑު ބަހުސްއެއް އުފެދިފަ އެވެ. 

މިކަމާ ގުޅޭގޮތުން ބުރާސްފަތި ދުވަހު އިސްލާމިކް މިނިސްޓްރީގެ ވަޓްސްއަޕް މީޑީއާ ގުރޫޕަށް މިނިސްޓަރު ޝަހީމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ސުންނީ، ޝީޢީ މަޒުހަބީ ތަޢައްޞުބްގެ ތެރެއަށް ރާއްޖޭގެ މުޖުތަމައު ވެއްޓިގެން ދިޔުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި، ރާއްޖޭގެ ރައްޔިތުންނަކީ ސުންނަތް ޖަމާއަތުގެ ސައްހަ މަތިވެރި އަގީދާގެ މަތީގައި، ގުރުއާނާއި ސުންނަތާއި ސަލަފުއްޞާލިޙުންގެ މަންހަޖުގައި އެތައް ގަރުނެއް ވަންދެން ސާބިތުކަމާއެކު ދެމިތިބިބި ބައެއް ކަމަށެވެ. އަދި އިސްލާމްދީނުގެ ވަސަޠީ އުސޫލުތަކުގައި ހިފަހައްޓައިގެން ތިބި ބައެއް ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ސުންނަތް ޖަމާޢަތުގެ މަތިވެރި ޢަޤީދާގައި ރާއްޖެ ދެމިއޮންނާނެ އިންޝާ ﷲ. މި އަސާސް ދެމެހެއްޓުމަށް ރައްޔިތުންނާއި ޢިލްމުވެރިންގެ އަރިހުން އެދެން.
އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު

މި އަސާސް ދެމެހެއްޓަން ޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ  ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ދީގެން ނުވާނެ ކަމަށެވެ. އަދި ފިރުގާތަކުގެ އަގީދާތައް އޭގެ އިލްމީ ހަގީގަތްތަކާ ޚިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފަތުރަން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

މީގެ އިތުރުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމައު ބައިބައިކޮށްލައި ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެން ޖެހޭ ކަމަށެވެ. އަދި ފިރުގާތަކުގެ އަގީދާތަކާ ގުޅޭ ކަންކަމުގައި، އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަ ނުދެއްކުމަށް މިނިސްޓަރު ޝަހީމް ގޮވާލެއްވި އެވެ.

މިނިސްޓަރު ޝަހީމް މިމޭރުމުން ވާހަކަ ދެއްކެވިއިރު، ޝެއިޚް ސަމީރު ކުރެއްވި ޕޯސްޓަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްދު ދެއްވުމާއި ގުޅިގެން ގިނަ ބައެއްގެ މެދުގައި އެކަމާ މެދު ހިޔާލު ތަފާތުވުން ވަނީ އުފެދިފަ އެވެ. 

ޝެއިޚް ސަމީރު ވިދާޅުވެފައިވަނީ އީރާނުގެ ދީނީ މުރުޝިދު ޚުމައިނީއާއި ޚާމަނައީގެ ފޮތްތަކުގައި ޞަރީޙަކޮށް ލިޔެ ފާޅުކޮށް ބަޔާންކޮށްފައިވާ ވާހަކަތަކުން އަޅުގަނޑަށް އެނގި ކަށަވަރުވީ އެ ދެމީހުންނަކީ ވެސް މާތް الله ރުއްސުންލެއްވި އުންމުލް މުއުމިނީނަ ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނާއި، އަބޫބަކުރުގެ ފާނާއި އުމަރުގެފާނާއި އުޘްމާނުގެފާނާއި އެނޫންވެސް ޞަޙާބީންނަށް މަކަރާއި ހީލަތާއި، ޚިޔާނާތް ނިސްބަތް ކުރުމާއި، އެބޭކަލުންނަކީ ފުރަތަމަ އިސްލާމްކަން އިޢުލާނުކުރި ދުވަހުން ފެށިގެންވެސް ވެރިކަމުގެ ދަހިވެތިކަމުގައި އިސްލާމް ދީން އިއުލާނުކޮށްގެން ތިބި ޙީލަތްތެެރި ބައެއް ކަމަށެވެ.

ޝެއިޚް ސަމީރުގެ މި ޕޯސްޓަށް ރައްދުދެއްވައި މައުމޫން ވިދާޅުވީ މިއީ ސުންނީ މުސްލިމެކޭ ޝީޢާ މުސްލިމެކޭ ސަލަފީ މުސްލިމެކޭ ވިދާޅުވާން ނުޖެހޭ ކަމަށެވެ. އަދި އަޅުގަނޑުމެންނަކީ ހައްތާވެސް މުސްލިމުން ކަމަށާއި، އެއީ އަޅުގަނޑުމެން ބައިބައިކުރަން ޢަދުއްވުން ކިޔާހާ އެއްޗިސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.