މި ސަރުކާރުން ނަގަން އުޅޭ ރެފަރެންޑަމް ވޯޓަކީ ހުދުމުހުތާރު
ވެރިކަމަކަށް ފައި އެޅުމަށް ނަގާ އެންމެ ފަހު ހަރުފަތް ކަމަށާއި، އެ ވޯޓުގައި
ރައްޔިތުން ނޫނެކޭ ބުނަންޖެހޭކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު
އީސާ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުން އީސަ ވިދާޅުވީ، މި ސަރުކާރުން މިހާރު ނިގުޅައިގަންނަން އެ އުޅެނީ
ޑިމޮކްރަޓިކް ނިޒާމެއްގެ އެންމެ އަސާސީ ސިފަ ކަމަށާއި، ވޯޓު ލުމަކީ އެންމެ އަސާސީ
އެއް ކަންތައް ކަމަށެވެ. އަދި ވިދާޅުވީ، މިއަދު ޤައުމުގެ ބާރުތައްވެސް
ހިސޯރުކޮށްފައިވާ ކަމަށެވެ.

އީސަ ވިދާޅުވި ގޮތުގައި މިއަދު މަޖިލީހާއި ސުޕްރީމް
ކޯޓުވެސް ހިސޯރު ކުރުމަށްފަހު ރައީސްގެ އަމާޒު މިހާރު ހުރީ ރައްޔިތުންނަށް އޮތް
ބަސް ބުނުމުގެ ފުރުސަތު ނިގުޅައިގަތުމާ ދިމާއަށެވެ. އަދި އެއީ ހުދުމުހުތާރު
ވެރިކަމަކަށް ފައި އެޅުމުގެ އެންމެ ފަހު ހަރުފަތްކަމަށްވެސް އީސަ ވިދާޅުވި އެވެ.

ވެރިކަމުގައި ހުރި މީހާ މަޖިލިސް ހިސޯރުކުރަންވީމާ އެއީ ވަރަށް ދެރަ ކަންކަން. ރައްޔިތުންނަށް ޤަބޫލު ކުރުމުގެ ފުރުސަތު މިއަދު އެބައޮތް ފަނޑިޔާރުގެތައްވެސް ރައީސުލްޖުމްހޫރިއްޔާ އެ ހުންނެވީ ހިސޯރުކޮށްގެންނޭ. މިއަދު ދެން އެ ދަނީ ރައްޔިތުން ހިސޯރުކޮށްގެން ރައްޔިތުންނަށް ބަސް ބުނާނެ ފުރުސަތު ނިގުޅައިގަންނަން، މިއީ ހުދުމުހުތާރު ވެރިކަމަކަށް ފައި އެޅުމުގެ އެންމެ ފަހު ހަރުފަތް.
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ 

 އީސަ ސިފަ
ކުރެއްވި ގޮތުގައި ރެފަރެންޑަމް ވޯޓެއް ނަގައިގެން ދެ އިންތިޚާބު އެއް
ދުވަހެއްގައި ބޭއްވުމަކީ ގޭގައި ހުރި މޭވާ ގަހަކުން އަހަރަކު އެންމެ ފަހަރަކު މޭވާ
ލިބޭގޮތަށް ބަދަލު ކުރުމެވެ. އެގޮތުން ރައްޔިތުންގެ ގާތަށް ވެރިން ދާ ދިއުމަކީ
ރައްޔިތުންނަށްވެސް ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ޙައްލު ހޯދުމަށް މަސައްކަތް
ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް އީސަ ވިދާޅުވި އެވެ.

ނޫނެކޭ ބުނަން ޖެހެނީ ގޭދޮށުގައި 5 އަހަރު ތެރޭގައި ދެފަހަރަށް މޭވާ އަޅާ ގަހެއް ހުއްޓައި އެ ގަސް ކަނޑާލާފައި 5 އަހަރުން އެއް ފަހަރު މޭވާ އަޅާ ގަހެއް އިންދައިގެންތޯ ރައްޔިތުންނަށް ފައިދާވާނީ، ގޭދޮށުމަތީގައި މިހާރު ހެދިފައި ހުރި ގަހުގައި 5 އަހަރު ދެފަހަރަށް މޭވާ އެޅީމާތޯ ފައިދާވާނީ.
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ 

އީސަ ވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ ރެފަރެންޑަމް
ވޯޓުގައި ރައްޔިތުން ނޫނެކޭ ބުނުމަށް އެދިވަޑައިގެންފަ އެވެ. އީސަ ވިދާޅުވި
ގޮތުގައި މިއީ ދެފުއް ފެންނަ ގޮތެއްގައި ހިނގާ ސަރުކާރެއް ނޫނެވެ.