ކޮންމެ ސަރުކާރެއް އޮތް ނަމަވެސް އެމްޑީޕީގެ ކައުންސިލެއް އޮވެގެން ނޫނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ނުދެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. 

އައްޑޫ ހުޅުދޫ މީދޫ "އުންމީދެއްގައި" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރަން މިއުޅޭ ކަމަކީ ރަށްރަށް ހިންގުމަށްޓަކައި ރައްޔިތުންނާ ކައިރިން ރައްޔިތުންގެ އަޑުއަހައިގެން މަސައްކަތް ކުރާނެ ބަޔަކު އިންތިހާބު ކުރަން ކަމަށެވެ. އަދި އެކަން ކުރެވޭނީ އެކަންކަން ހިތުގެ އަޑިން ގަބޫލުކޮށްގެން އެކަން ކުރަން ހިތުއަޅައިގެން ތިބި ބަޔަކަށް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އެއީ އެމްޑީޕީ ކަމަށާއި، އެއީ އެމްޑީޕީގެ ސިޔާސަތު ކަމަށެވެ. 

ރައީސް ސޯލިހު ވިދާޅުވީ އެއީ އެމްޑީޕީ ކެންޑިޑޭޓުންގެ ސިޔާސަތު ކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގަން ބޭނުން ކަމުގައިވާނަމަ، ހާއްސަކޮށް ރަށްރަށުގެ ކައުންސިލްތަކުގައި ތިބެންވާނީ، ވެރިކަމުގައި އެމްޑީޕީ އޮތަސް ނެތަސް އެމްޑީޕީގެ މެންބަރު ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

އެއީ ރަަށްރަށް ހިންގޭނެ ގޮތަކީ. މިހާރު ވެރިކަމުގައި ތިބި ބޭފުޅުން ވެރިކަމަށް ވަޑައިގެންނެވިތާ މިހާރު  2 އަހަރާއި 4 މަސް ވެއްޖެ. ވެރިކަމާ ހަވާލުވިތާ. މިއަދު އަޅުގަނޑުމެން ކުރިމަތީގައި އޮތީ އެންމެ ސުވާލެއް. އެއީ އެބޭފުޅުން އެ ވަޑައިގެންނެވި ވައުދުތައް، އެއާ އެއްގޮތަށް މިއިން ރަށަކަށް އައި ހެޔޮ ބަދަލަކީ ކޮބައިތޯ؟ މި ހުޅުދޫ އަށް އެއްވެސް ރަނގަޅު ބަދަލެއް އަތުވެއްޖެތޯ؟ މީދޫއަށް އެއްވެސް ބަދަލެއް އަތުވެއްޖެތޯ؟ މި ސުވާލާ އެކީގައި ތިބޭފުޅުން އިންތިހާބަށް 4 ވަނަ ދުވަހު ނުކުންނަވާ. ވަރަށް ސާފު. ވައުދުވެއްޖެ އިނގޭތޯ. ވައުދު މައްޗަށް ވައުދުވެއްޖެ. ރިޔާސީ އިންތިހާބުގައި ނުކުމެވަޑައިގެން އެ ހެއްދެވި ދޮގުތަކާ އެކީގައި ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކި ބޭފުޅުން ވިދާޅުވިހެން ބޮޑެތި ވައުދުތައް ވެފައި އެބަހުރި. އަދި އެއާއެކީގައި މަޖިލިސް އިންތިހާބުގައި ވިދާޅުވީ އެބަހުއްޓޭ ތިމަންނަމެން ވައުދުވެފައި، އެކަމަކު ކިހިނެއްހޭ ކަންކުރާނީ. 
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން ވިސްނަވަންވީ ސަރުކާރުންވި ވައުދުތަކުގެ ތެރެއިން ކޮން ރަށަކަށް ކުރެވެނީ ކޮންކަމެއްތޯ ކަމަށެވެ.  ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވިދާޅުވީ ކުރީ ސަރުކާރުން ފެށި އެއްވެސް މަޝްރޫއެއް ނުހުއްޓާނެ ކަމަށާއި، ނަމަވެސް އެއިން އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. 

ރައީސް ސޯލިހު ވިދާޅުވީ އެފަހުން އެޅި ބިންގާތައް ހުރީ ގާވެފައި ކަމަށާއި، މިއީ މިއަދުގެ ހާލަތު ކަމަށެވެ. އެހެންކަމުން 4 ވަނަ ދުވަހު އޮންނަ ވޯޓުގައި ރައްޔިތުން ވިސްނާފައި ގޮތެއް ނިންމުމަށް ރައީސް ސޯލިހު އެދިވަޑައިގެންނެވި އެވެ.