ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން ކަމަށް ދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި 4 އެޕްރީލްގައި އާއްމު ވޯޓު ނެގުމަށް ނިންމައި ނެރުނު ރިޔާސީ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފޯމު 4 ވަނަ ފަހަރަށް އިސްލާހުކޮށް، 11 މާރޗުގައި ކޯޓަށް ފޮނުވި އެވެ. އަދި ކޯޓަށް އެ ފޯމު ލިބިފައިވާކަމަށް ހޯމަ ދުވަހު އެންގި އެވެ. 

ނަމަވެސް އެ މައްސަލަ ބަލައި ނުގަންނަން ސިވިލް ކޯޓުގެ ރަޖިސްޓްރާ އަބްދުއްސަލާމް އަލީ ވަނީ ނިންމާފަ އެވެ. ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ މި މައްސަލައިގައި ހުސަހަޅާފައިވާ ފޯމާ އެކު މައްސަލަ ހައްލުކުރުމަށް އެދި އިދާރާއަށް ހުށަހަޅާފައިވާ އެއްވެސް ޝަކުވާއެއް ނުވަތަ ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އިދާރީ އެއްވެސް ނިންމުމެއް ނިންމާފައިވާކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައި ނުވާތީ، މަދަނީ އިޖުރާއަތުގެ ގާނޫނުގެ 96 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަންތައް ފުރިހަމަވެފައި ނުވާތީ، މިއީ މިހާރު ހުށަހަޅާފައިވާ ގޮތަށް ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ރަޖިސްޓްރީ ކރުެވެން އޮތް ދައުވާފޯމެއް ނޫންކަމުގައި ނިންމާ ކަމަށެވެ. 

މިކަމާއި ގުޅިގެން މައުރޫފް ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަށް އާއްމު ވޯޓު ނެގުމަށް ނެރުނު ރިޔާސީ ޤަރާރު ބާތިލުކުރުމަށް އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފޯމު 5 ވަނަ ފަހަރަށް އިސްލާހުކޮށްފައި ފޮނުވިފަހުން، މައްސަލަ ބަލައިގަނެވެން ނެތްކަމަށް އަންގާފައިވާ ކަމަށެވެ. އަދި ސަބަބަކަށް ބުނެފައި އޮތީ އެ މައްސަލަ ހައްލުކުރަން އެމްޑީޕީން ކުރި ކަމެއް ބަޔާންކޮށްފައި ނެތުން ކަމަށެވެ. 

މައުރޫފް ވިދާޅުވީ މިއީ މީގެ ކުރިން 4 ފަހަރު ފޯމު އިސްލާހުކުރަން އެންގިއިރު ވެސް ކޯޓުން ނުދައްކާ ބަހަނާއެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޤަރާރެއް ނެރުނީމައި، އޭގެ ޝަކުވާ ހިފައިގެން ދާނެ އެއްވެސް މުއައްސަސާއެއް ނުވަތަ އެކަން ހައްލުކުރަން މަސައްކަތްކުރާނެ އެއްވެސް ޤާނޫނީ ފުރުސަތެއް ނެތް ކަމަށެވެ. 

އެކަމުގެ ސައްހަކަން ކަނޑައަޅަން ދާން ޖެހެނީ ކޯޓަށް ކަމަށާއި، ކޯޓަށް ހުށަހެޅުމުން ކޯޓުން އަމަލުކުރީ ސަރުކާރު ބޭނުންވާ ގޮތަށް ވަގުތު ބޭކާރުކޮށްލަން ކަމަށް މައުރޫފް ވިދާޅުވި އެވެ.