ދިވެހިރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަކީ ދިވެހި ރައްޔިތުންނަށް ފައިދާހުރި ކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކުރީގެ ޗާންސެލަރ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.

ޑރ. ހަސަން މިހެން ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ޝާއިއު ކުރެއްވި ލިޔުމެއްގަ އެވެ.

މި ލިޔުމުގައި ޑރ. ހަސަން ވަނީ އިންތިޚާބުތައް އެއްކޮށްލުމުން ރައްޔިތުންނަށް ކުރިމަތިވެދާނެ ގެއްލުންތައް ވަރަށް ބޮޑަށް ތަފްސީލު ކޮށްދެއްވާފަ އެވެ. އިންތިޚާބުތައް މަދުކުރުމުން ދައުލަތުގެ ޚަރަދުތައް ކުޑަވެ ފައިދާވާނެ ކަމަށް ސަރުކާރުން ބުނާ ވާހަކައަށް ރައްދު ދެއްވަމުން ޑރ. ހަސަން ވިދާޅުވީ، އިންތިޚާބުތައް މަދުކުރުމުން ގާނޫނު ހަދާ ފަރާތްތަކާއި އިދާރީ ގޮތުން ގައުމު ހިންގާ ފަރާތްތަކާ ރައްޔިތުން ދުރުވާނެ ކަމަށެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ގައުމު ޚުދުމުޚްތާރު ވެރިކަމަކަށް އެނބުރިގެން ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

  20 އަހަރުން އެއް ފަހަރު އިންތިޚާބު ބޭއްވުން ކިހިނެއް ވާނެތޯ ؟ މިހެން ހަދައިފިނަމަ، ގިނަ ފަރާތްތަކުން ބުނާނީ މިއީ އެދެވޭ ގޮތެއް ނޫން ކަމަށް. ޑިމޮކްރެސީ އެއް ނެތް ކަމަށް. ރައްޔިތުންގެ އެއްވެސް ބާރެއް ނެތް ކަމަށް. ޤާނޫނު ހަދާ ފަރާތްތަކާއި އިދާރީ ގޮތުން ޤައުމު ހިންގާ ފަރާތްތަކާ، ރައްޔިތުން ފޭވެ، ޚުދުމުޚްތާރު ވެރިކަމަކަށް ޤައުމު އެނބުރޭނެ ކަމަށް.
 ޑރ. ހަސަން ހަމީދު

ރިޔާސީ އިންތިޚާބަކީ މުޅި ގައުމީ ފެންވަރުގެ ބޮޑެތި މައްސަލަތަކަށް ސަމާލުކަންދޭ އިންތިޚާބަކަށް ވާއިރު، މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމުން ސަރަހައްދީ ފެންވަރުގެ މައްސަލަތަކާއި ހައްލުތަކުގެ ވާހަކަތަކުން ގައުމީ ފެންވަރުގެ މައްސަލަތަކަށް ހިޔަނި އެޅޭނެ ކަމަށް ޑރ. ހަސަން ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބަކީ ޤައުމީ ފެންވަރުގެ މައްސަލަތަކަށް ސަމާލުކަން ދެވޭ، ނުވަތަ ފޯކަސް ކުރެވޭ އިންތިޚާބެއް. މެންބަރު ކަމާއި ކައުންސިލްގެ އިންތިޚާބުތަކަކީ ސަރަޙައްދީ ނުވަތަ އަތޮޅު ފެންވަރުގެ ކަންކަމަށް ފޯކަސް ކުރެވެން ޖެހޭ އިންތިޚާބެއް. މި ދެ ބާވަތުގެ އިންތިޚާބު އެއްކޮށްލުމުން ސަރަޙައްދީ ފެންވަރުގެ މައްސަލަތަކާއި ހައްލުތަކުގެ ވާހަކަތަކުން ޤައުމީ ފެންވަރުގެ މައްސަލަތަކާއި ހައްލުތަކަށް ހިޔަނި އެޅި، ޤައުމީ ކަންކަމަށް ދޭންޖެހޭ އިސްކަމުގައި ކޭތަ ހިފާނެ. 
 ޑރ. ހަސަން ހަމީދު

ރާއްޖޭގައި މިހާރު އޮންނަ އުސޫލުން ފަސް އަހަރެއްގެ ތެރޭގައި ދެ ފަހަރު އިންތިޚާބު އޮތުމުން، މަޖިލިސް މެންބަރުންނާއި ރައީސަކު ވެސް ދެ ފަހަރު ރައްޔިތުންގެ ކުރިމައްޗަށް ނުސީދާ ގޮތެއްގައި ނުކުންނަން މަޖުބޫރުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ޑރ. ހަސަން އިތުރަށް ވިދާޅުވީ، ބޮޑު ދެ އިންތިޚާބު އެއްކޮށްލުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަގު ވެސް ހަނިވެގެންދާނެ ކަމަށެވެ. ރާއްޖޭގައި މިވަގުތު އޮތް ޑިމޮކްރެސީގެ ސަގާފަތާ އަޅާބަލާއިރު ދެ އިންތިޚާބު އެއްކޮށްލުމަކީ ޑިމޮކްރެޓިކް ރޫހާ ގުޅޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މިގޮތަށް ދެ އިންތިޚާބު އެއްކޮށްލުމުން އޭގެ މަންފާ އަބަދުވެސް އެންމެ ބޮޑަށް ކުރާނީ ވެރިކަމުގައި ތިބޭ ބަޔަކަށް ކަމަށް ޑރ. ހަސަން ފާހަގަކުރެއްވި އެވެ.