ރައްޔިތުން ބޭނުންވަނީ އެ ސިޓީއެއްގެ ތަރައްޤީގެ ކަންކަމުގައި ރައްޔިތުންގެ ބަސްކަމަށާއި, އެ ސިޓީގައި މާލޭގައި އިންނަ ބޮޑު "ދޮގު ބޮނޑި" އެއްގެ ބަހެއް ރައްޔިތުން ބޭނުމެއް ނުވާކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވެއްޖެއެވެ.

މޭޔަރ މިފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ސިޔާސަތު ޖަލްސާ 1" ގައި ވާހަކަފުޅުދައްކަވަމުންނެވެ.

މޭޔަރ ޢާޠިފް ވިދާޅުވީ, ލާމަރުކަޒީ ނިޒާމު ނުދަންނަ, އެ ނިޒާމު ޤަބޫލު ނުކުރާ ބަޔަކު ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާނެ ކަމެއް ނެތްކަމަށެވެ. މިގޮތުން, ރައްޔިތުން ތިބީ އެފަދަ ޓީމަކަށް ވޯޓު ދޭކަށް ނޫންކަމަށާއި, ރައްޔިތުން ބޭނުންވަނީ އެ ރަށެއްގައި ރައްޔިތުންގެ ވެރިކަމެއް އޮންނަން ކަމަށް މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.

ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ސިޓީގެ ތަރައްޤީގެ ކަންކަމުގައި ރައްޔިތުންގެ ބަސް. ރައްޔިތުން ބޭނުމެއް ނުވޭ މާލޭގައި އިންނަ ބޮޑު ދޮގު ބޮނޑިއެއްގެ ބަހެއް.
މޭޔަރ މުޙައްމަދު ޢާޠިފް 

މީގެ އިތުރުން އެ ޖަލްސާގައި މޭޔަރ ޢާޠިފް ވަނީ, ރާއްޖޭގައި ސިޔާސަތަކާއި އެކީގައި އިންތިޚާބުތަކުުގައި ވާދަކުރައްވާ ހަމައެކަނި ޕާޓީ އަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ, (އެމްޑީޕީ) ކަމަށް ފާހަގަކުރައްވާފައެވެ.

މިގޮތުން, ސިޔާސަތު މި ކިޔަނީ ރައްޔިތުންގެ ގާތަށް ގޮސް އަހާ, ރައްޔިތުންނަށް ހުރި ދައްޗަކީ ކޮބައިތޯ އާއި, އެ ރައްޔިތުންގެ ޙާލަތު ބަދަލުކުރެވޭނެ ގޮތަކީ ކޮބާތޯ ބަލައި, އެކަން ޙާޞިލް ކުރުމަށް ލިޔާ ލިޔުންތަކެެއްގެ މައްޗަށް ކަމަށާއި, އަދި އެއީ އެކަން ކަން ކުރާނެ ގޮތް ހޯދައި ބަލައި, ޔަގީން ވީމައި ލިޔާ އެއްޗެއް ކަމަށްވެސް މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.