އިންތިޚާބާ ދިމާކޮށް އެއްވެސް މަޝްރޫއެއް ނުފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެެފައިވަނިކޮށް، ރައީސްގެ ބަސްފުޅާ އިދިކޮޅަށް، 8 ރަށެއްގެ މަޝްރޫއުތައް ކުންފުނިތަކާ ހަވާލުކޮށްފި އެވެ. 

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ. 

އެގޮތުން ހދ. ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓް 480 ދުވަހުގެ ތެރޭގައި ތަރައްގީކޮށް ނިންމާ ގޮތަށް އެޗްޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

އެރަށުގައި އިމާރާތް ކުރުމަށް ނިންމާފައިވަނީ 3 ކޮޓަރީގެ 50 ހައުސިން ޔުނިޓެވެ.

މީގެ އިތުރުން އއ. ހިމަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، ރ. ހުޅުދުއްފާރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފޭސް-2ގެ މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އާރްޑީސީއާ ވަނީ ހަވާލުކޮށްފަ އެވެ. 

ބުދަ ދުވަހު ބޭއްވި މި ރަސްމިއްޔާތުގައި 5 ރަށެއްގެ އުމްރާނީ ތަރައްގީގެ 5 މަޝްރޫއެއްގެ އެއްބަސްވުންތަކުގައި އެމްޓީސީސީއާ ވެސް ވަނީ ހަވާލުކޮށްފަ އެވެ. 

އެގޮތުން ލ. މުންޑޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ގދ. ހޯނޑެއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އަދި 240 ދުވަހުގެ ތެރޭގައި ގދ. ހޯނޑެއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއާ، ނ. ލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، މޫދަށް އެރޭ ސަރަހައްދެއް ތަރައްގީ ކުރުމާއި އަދި ދޯނި އެހެލާ ސަރަހައްދު 360 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ.

މީގެ އިތުރުން ރ. އަނގޮޅިތީމު ބަނދަރާއި ޖެޓީ އަދި މޫދަށް އެރޭ ސަރަހައްދު 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށާއި އަދި ގއ. ނިލަންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.

ސޮއިކުރުމަށް ފަހު އެކަން ހާމަކޮށްފައި ވީ ނަމަވެސް މިއިން އެއްވެސް މަޝްރޫއެއްގެ އަގު މިނިސްޓްރީން ހާމަކޮށްފައިނުވެ އެވެ. 

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، ސަރުކާރުން ދަނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ކުންފުނިތަކާ ހަވާލު ކުރަމުންނެވެ. ނަމަވެސް އެންމެފަހުން ރައީސް މުއިއްޒު ނޫސްވެރިންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ  އިންތިޚާބާ ދިމާކޮށް އެއްވެސް މަޝްރޫއެއް ނުފަށާނެ ކަމަށާއި، މިއީ އިންތިޚާބުތަކާ ދިމާކޮށް މަސައްކަތް ކުރާ ސަރުކާރެއް ނޫން ކަަމަށެވެ.