ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް
ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ނަގާ ރިފަރެންޑަމް ވޯޓާ ގުޅޭ ބިލު ތަސްދީޤު ކުރަން
ޤާނޫނުގައި އޮތް މުއްދަތު ފާއިތުވެފައިވާތީ، އެ ބިލަކީ ބާތިލު ބިލެއްކަމަށް
ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ޤާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މި
މައްސަލައިގައި ބުނެފައިވަނީ، ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާޙުތައް ތަސްދީޤު
ކުރުމަށް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ކަނޑައެޅިފައިވާ މުއްދަތާ މި
މައްސަލަ ޚިލާފުވެފައިވާ ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު
ތަސްދީޤު ކުރުމަށް ފެބްރުއަރީ 11 ގައި ރައީސް އޮފީހަށް ވަނީ ފޮނުވާފަ އެވެ.

ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ގޮތުގައި ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙެއް ފާސް ކުރުމަށްފަހު ތަސްދީޤު ކުރުމަށް
ލިބެނީ 15 ދުވަހުގެ މުއްދަތެކެވެ. އަލީ ހުސައިން ވިދާޅުވި ގޮތުގައި ބަންދު
ދުވަސްތައް ހިމަނައިގެން ގުނި ނަމަވެސް މިހާރު އެ މުއްދަތު ވަނީ ފާއިތުވެފައެވެ.

އެހެންކަމުން މިހާރު އެ ބިލަކީ ބާތިލު ބިލެއް
ކަމަށާއި، ބާތިލު ބިލެއްގެ މައްޗަށް އަހަންޖެހޭ ވޯޓެއްވެސް ނޯންނާނެކަމަށް އޭނާ
ވިދާޅުވިއެވެ. ސުޕްރީމް ކޯޓަށް އޭނާ ހުށަހަޅާފައިވާ މައްސަލައިގައިވެސް
އެދިފައިވަނީ އެގޮތަށެވެ.

އެހެންނަމަވެސް މި މައްސަލަ ބަލައިނުގަތުމަށް ބުދަ
ދުވަހު ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ރައުފާ ޙައިދަރު ވަނީ ނިންމަވާފަ އެވެ.

ރަޖިސްޓްރާގެ ނިންމުމުގައި ވިދާޅުވެފައިވަނީ، ޤާނޫނުއަސާސީއަށް
8 ވަނަ އިސްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރުމަށް ފޮނުވުމުން، ބިލު ތަސްދީޤު
ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަނަމަ، އެކަން 15 ދުވަހުގެ ތެރޭގައި
މަޖިލީހަށް އަންގަން ޖެހޭނެކަމަށް ބުނެފައިވާ ކަމަށާއި، އެ ބިލަކީ ޤާނުނުއަސާސީގެ
262 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ އިސްލާޙެއް އެކުލެވޭ ބިލެއްކަމަށެވެ.

އެހެންވެ، އެ ބިލު ބާތިލުކަމަށް މައްސަލަ ހުށަހެޅި
ފަރާތުން ބުނިނަމަވެސް، ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލާ
ގުޅިގެން ޤާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބުނާ އިޖުރާއަތަށް އަމަލުކުރަން
ޖެހޭނީ ރައީސް އެ ބިލެއް ތަސްދީޤު ނުކުރައްވާ ޙާލަތުގައި ކަމަށް ރަޖިސްޓްރާ
ވިދާޅުވި އެވެ.

އެހެންކަމުން މި ބިލު ތަސްދީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް
ނުފެންނަކަން ހުށަހެޅިފައިވާ ލިއެކިއުންތަކުން އެނގެން ނެތުމުން، މިހާރު
ހުށަހެޅިފައިވާ ސަބަބުގެ މައްޗަށް ބަލައި މި މައްސަލަ ބަލައިގަނެވެން ނެތްކަމަށް
ވަނީ ކަނޑައަޅުއްވާފަ އެވެ.

އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ
ފަނޑިޔާރު ހުސްނުއްސުއޫދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި
މައްސަލައިގެ ދައުވާއަކީ ރެފަރެންޑަމްއަކަށް އަހަންޖެހޭ ކަމެއްގައި 15 ދުވަސް
ތެރޭގައި ބިލާމެދު ގޮތެއް ނިންމާފައިނުވާތީ ބިލު ބާތިލުވުން ކަމަށާއި، ސުޕްރީމް
ކޯޓުން މިހާރު މި ކުރިކަމަކީ މައްސަލައިގެ އަޑުއެހުމެއްވެސް ނުބާއްވައި ނިޔާ
ކަނޑައެޅުއްވުން ކަމަށެވެ.

އަދި ދައުވާކުރާ މީހާގެ ވާހަކަ އަޑުނާހައި ނިޔާ
ކަނޑައެޅުމަކީ ގޯހެއް ނޫންތޯވެސް ސުއޫދު ވަނީ ސުވާލު ކުރައްވާފަ އެވެ.