ދިވެހިރާއްޖޭގެ ހައިކޯޓާއި ފެމިލީ ކޯޓަށް އިސް
ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފިއެވެ.
ބުދަ ދުވަހު ޖޭއެސްސީން ކުރި އިއުލާނެއްގައި ވަނީ ހައިކޯޓާއި
ފެމިލީ ކޯޓުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޯޓުތަކުގައި މަސައްކަތް
ކުރައްވަމުން ގެންދަވާ ފަނޑިޔާރުންނަށް ހުޅުވާލާފައެވެ. މި މަޤާމުތަކަށް
ކުރިމަތިލުމުގެ ސުންގަޑިއަކީ 31 މާރިޗު 2026 ވަނަ ދުވަހުގެ 12:00 އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމު ހުސްވެފައިވަނީ
އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ
ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ. އޭގެ ފަހުން ފަނޑިޔާރު މުހައްމަދު ފައިސަލް އެ މަޤާމަށް އައްޔަނު
ކުރުމަށް ޖޭއެސްސީން ނިންމި ނަމަވެސް، ކޮރަޕްޝަންގެ ތުހުމަތުތަކެއް ފެންމަތިވެ
ފަނޑިޔާރު ފައިސަލް ވަނީ އިސްތިއުފާ ދެއްވާފައެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރަށް މުސާރައާއި އެލަވަންސްތަކާއެކު
69،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.
މީގެ އިތުރުން، ފެމެލީ ކޯޓުގެ އިސް ގާޒީގެ މަގާމު
ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް މާހިރު، ހައި ކޯޓުގެ ފަނޑިޔާރެއްގެ
މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
ފެމިލީ ކޯޓުގެ
އިސް ފަނޑިޔާރަށް މުސާރައާއި އެލަވަންސްތަކާއެކު 62،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.