ރައްޔިތުންގެ
ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ
ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ
އެ ކޯޓުން ތާވަލުކޮށްފި އެވެ.

މި
މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް
ޝިޔާމް އަދި އަލްއުސްތާޒު އައިކް އަހުމަދު އީސާ އެވެ. މި މައްސަލަ ހުށަހެޅީ ރައީސް
އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.

މި
މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ މިހާރު މައްސަލަ ވަނީ ރަޖިސްޓްރީ ކޮށްދީފަ
އެވެ. އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 10:15ށް މައްސަލަ ތާވަލުކޮށް،
މިހާރު ވަނީ ޗިޓު ފޮނުވާފަ އެވެ.

 އެހެންނަމަވެސް، ބިލު ތަސްދީގު ކުރުމުގެ މުއްދަތާ
ގުޅޭގޮތުން ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅި މައްސަލަ
ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.
ރިފަރެންޑަމް ވޯޓާ ގުޅޭގޮތުން ދެ މައްސަލައެއް ސުޕްރީމް ކޯޓަށް
ހުށަހަޅާފައިވާއިރު، މި ދެ މައްސަލައަކީ އެކުއެކީގައި
ހުށަހެޅުނު ދެ މައްސަލަ އެވެ.

 ރިފަރެންޑަމްގެ ސުވާލާ ގުޅޭގޮތުން ހުށަހަޅާފައިވާ
މައްސަލައަށް ބަލާއިރު، އައިކް ވިދާޅުވީ، ސުވާލުގެ އިބާރާތް އޮތީ ޤާނޫނުއަސާސީއަށް
ގެނައި 8 ވަނަ އިސްލާޙު ތަސްދީޤު ކުރަން ފެނޭތޯ ނުވަތަ ނޫންތޯ ކަމަށާއި، އެ
އިސްލާޙުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ޖެހޭ ކަންކަމާ ނުގުޅޭ ގިނަ
ތަފްސީލުތަކެއްވެސް ހިމެނޭކަމަށެވެ. އަދި ވިދާޅުވީ، ހަގީގަތުގައި ސުވާލު
ކުރަންޖެހޭނީ މަޖިލީހުގެ ދައުރު ކުރުކުރަން ރައްޔިތުން އެއްބަސްވޭތޯ ނުވަތަ ނޫންތޯ
ކަމަށެވެ.

މި
ސުވާލު މިހާރު އޮތްގޮތުން ރައްޔިތުންނަށް ވޯޓު ލެވެނީ ކޮން ކަމަކަށްކަންވެސް އަދި
ނަތީޖާވެސް ސާފު ނުވާނެ ކަމަށާއި، އެކަމުގެ ސަބަބުން ޤައުމަށް ދިމާވެދާނެ
ގެއްލުންތައްވެސް ބޮޑުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން
މައްސަލައިގައި އެދިފައިވަނީ މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ)
އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ، އެ
ސުވާލުގެ މައްޗަށް ބިނާކޮށް އެޕްރީލް 4، 2026 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް
ކަނޑައަޅުއްވައި ދެއްވުމަށެވެ.